ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި ސަރަހައްދީ މަސްލަހަތާ ގުޅޭ ގޮތުން ދިވެހި ސަރުކާރާ އެކު މަޝްވަރާ ކުރެއްވި ކަމަށް އެމެރިކާގެ ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ވަޑައިގެންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ ވިދާޅުވެއްޖެ އެވެ.
އެމެރިކާ އިން ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ރާއްޖެ ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ސާޖިއޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ސަރަހައްދީ މަސްލަހަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"މި އަހަރަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރަށް ވާއިރު، އިސްތިރާތީޖީ ގޮތުން މުހިންމު ދާއިރާތައް ދެނެގަނެ، ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެއް،" ސާޖިއޯ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަން އިއްޔެ އެޕޮއިޓްމަންޓަކަށް އެދިވަޑައިގެންނެވި ނަމަވެސް ދެބޭފުޅުން ބައްދަލެއް ނުކުރައްވަ އެވެ. އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އިޒުރޭލު ނޫން ކޮންމެ ގައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގަތަސް މަރުހަބާ ކިޔާނެ ކަމަށާއި އެ ނޫން ހުރިހާ ގައުމަކާ ރާއްޖެ އިން ގުޅުން ބާއްވާނެ ކަމަށެވެ.
މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމެރިކާގެ މަންދޫބާ އެ މައުޟޫއަށް ދައްކަވާނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ގުޅޭ ގޮތުން އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމަ އަދި އެއްވެސް ހަނގުރާމައަކަށް ބޭނުންކުރާކަށެއް. އެކަމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އެއްވެސް ތަނެއްގައި ކުރާ ހަނގުރާމައެެއްގެ ބޭނުމަކަށް ރާއްޖޭގެ އެއްގަމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެވެ. އަދި މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގައި އެއްވެސް ގައުމަކުން ދެނީ ދޭން ޖެހޭ ހަމަލާތަކެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސާޖިއޯ ރާއްޖެ އާއި ސްރީ ލަންކާއަށް ކުރައްވާ މި ހަތަރު ދުވަހުގެ ދަތުރުގައި ވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އީރާނުގެ ޔޫރޭނިއަމް އެމެރިކާ ބެލުމުގެ ދަށަށް ގެންދާނަން: ޓްރަމްޕް
ޕްލާސްޓިކް ތަށިތަކުގައި ކާބޯތަކެތި ރައްކާކުރުން ހުއްޓާލާ!
އީރާނުން އެމެރިކާއާއެކު މަޝްވަރާކުރަން އެއްބަސްވުމަކަށް!