ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު 87 އަށް ދަށްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އިން މިހާތަނަށް 9،939 މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. މި ބަލިން ރަނގަޅުވެފައި ވަނީ 8،597 މީހުންނެވެ. މި ބަލީގައި 34 މީހަކު ވަނީ މަރުވެފަ އެވެ.
އެޗްޕީއޭގެ އިއްޔެގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިވަގުތު ހޮސްޕިޓަލްތަކުގައި އާއި ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 87 މީހުންނެވެ. މިދިޔަ ބުދަ ދުވަހުގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނީ 93 މީހަކަށެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން، ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު 170 އަށް ވުރެ މައްޗަށް އެރިއެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން މިވަގުތު އައިސީޔޫގައި ފަރުވާ ދެމުންދަނީ ހަތަރު މީހަކަށެވެ. އޭގެތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.
މިވަގުތު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން 80 މީހުން ތިބީ ވޯޑްގަ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް ގްރީން ޒޯނަށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާ ހިސާބަށް އަދި ނުދާ ކަމަށެވެ. އަދި ރާއްޖެ މިވަގުތު ވެސް އޮތީ ރެޑް ޒޯންގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝީނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދުވަސްކޮޅަކު އެންމެން ވެސް ތިބެން ޖެހެ އެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލިޔަސް އެންމެކުރިން އުޅުނު ގޮތަކަށް ނޫޅެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވެކްސިނެއް ލިބެންދެން އާދަތަކުގައި ހުރިހާ ރައްޔިތުން ވެސް ހިފަހައްޓާލަން ޖެހޭ ކަމަށް ޝީނާ ވިދާޅުވި އެވެ.