ދޫޑިގަން. ޒަމާނީގެ / ޏ.ފުވައްމުލައް، ޙަސަން ޢާޒިމް އާއި ދޫޑިގަން. ކަރަންކާވިލާ / ޏ.ފުވައްމުލައް، އަޙްމަދު ނިއުޝާދު ގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ، މި ދެ މީހުން ވަނީ 2026 މާރިޗު 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
ޏ. ފުވައްމުލަކުގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރި ނެޓްވޯކެއްގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު ކައުންސިލް އިންތިހާބާ ދިމާކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެންގުމަށް ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދު 34، އާއި ފުވައްމުލައް ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް 29، އެވެ.
ފުލުހުން ބުނީ އެ ދެ މީހުން އަލުން ހައްޔަރުކުރީ ކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލައިގެ ހެއްކަށް ނުފޫޒުފޯރުވާނެ ކަމަށް ބެލެވޭތީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.
ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ދެ މީހުންގެ ތެރެއިން ނިއުޝާދުގެ ބޭންކް އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މިހާތަނަށް ކުރި މަސައްކަތުން ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ ފަރާތްތަކާއި އެ މީހުންނަށް އެހީވާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން، ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ތެރެއިން، ފާއިތުވި ދެ އަހަރު ތެރޭގައި އާޒިމްގެ ބޭންކް އެކައުންޓް މެދުވެރިކޮށް 7 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މިހާތަނަށް 4،408 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވައި ސުވާލުކޮށް ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 58 މީހުން ހައްޔަރުކޮށް އެ މީހުންނަށް ތުހުމަތު ކުރެވޭ 75 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު، އޭގެ ތެރެއިން 65 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން 21 މީހަކާއި ދެ ކުންފުންޏެއްގެ އެކައުންޓުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި އެ ފަރާތްތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ވަނީ އައްޑޫ ހިތަދޫގައި އެންމެ ފުޅާދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ސ. ހިތަދޫ، ކޮންމުލި އަލީ ނަދީމް (މައިލޯ ނަދަމާ) އާއި އޭނާގެ ބައިވެރިން ވެސް ބަންދުން ދޫކޮށްލާފަ އެވެ. އޭނާގެ ބޭންކު އެކައުންޓުން އެތައް މިލިއަން ރުފިޔާ ފެނިފައިވާއިރު، ޕީޖީ އޮފީހުން ބުނީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ. ބަންދުން ދޫކޮށްލަން ދެއްކި ހުއްޖަތަކީ އެއީ އެވެ.
ދިރާގުގެ ޕާޓްނާ ފިހާރައާއެއް ވިލިމާލޭގައި
ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވާނަން: ބީއެމްއެލް
އެމެރިކާގެ ބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
