މި ފަހަކަށް އައިސް ރިލީޒްކުރާ ބޮލީވުޑްގެ އެކްޝަން ފިލްމުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ މަޝްހޫރު ތަރި އަކްޝޭ ކުމާރު ފާޑު ކިޔައިފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނެފައިވަނީ އެކްޝަން ފިލްމުތައް ހެދުމުގައި ބޮލީވުޑުން މިހާރު ބަރޯސާވަނީ އޭއައިގެ އުކުޅުތަކަށް ކަމަށާއި އެކަން ބަދަލު ކުރަން އޭނާ ބޭނުންވާ ކަމަށެވެ.

އެގޮތުން އޭނާގެ ފިލްމުތަކުގައި ހިމެނޭ އެކްޝަން ސްޓަންޓްތައް އޭއައި ބޭނުން ކޮށްގެން ހެދުމުގެ ބަދަލުގައި އޭނާ އަމިއްލައަށް ސްޓަންޓްތައް ހަދަން ބޭނުންވާ ކަމަށް އަކްޝޭ ބުންޏެވެ.

"މިހާރު އެކްޝަން ފިލްމުތައް ހަދާ ގޮތް ވަރަށް ތަފާތު. ކުރީގައި ފިލްމުން ފެންނަ ހުރިހާ ކަންތައްތަކަކީ އަސްލު ހަގީގަތް. މިހާރު އެއީ އޭއައި ނޫނީ ވީއެފްއެކްސް. ހީވަނީ ފޭކެއް ހެން" އަކްޝޭ ބުނެފައިވެ އެވެ.

އެއާއެކު އަކްޝޭ ވަނީ ބެލުންތެރިންނަށް ހަގީގީ އެކްޝަން ފެންނަ ފިިލްމެއް ގެނެސްދޭން ވައުދުވެ އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފަ އެވެ.

މާޝަލް އާޓްސްގެ ތަމްރީނު ލިބިފައިވާ އަކްޝޭއަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޝަން ހީރޯގެ ގޮތުގައި ފާހަގަ ކުރެވުނު ތަރި އެކެވެ. އެ ސަބަބަށްޓަކައި އޭނާގެ ވަނަމަކަށް ކިޔުނީ "ކިލާޅީ" އެވެ.