ވޮޝިންޓަނާއި ތެހެރާނާ ދެމެދު ހަ ހަފުތާއަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމަށްޓަކައި ޕާކިސްތާނުގައި ކުރިއަށްދާ ސިލްސިލާ މަޝްވަރާތައް މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އީރާނު ސަރުކާރުން އާދީއްތަ ދުވަހުގެ ހެނދުނު ހާމަކޮށްފި އެވެ.

އިސްލާމްއާބާދުގައި ބާއްވާ މި ބައްދަލުވުންތަކަކީ ވޭތުވެދިޔަ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ސީދާކޮށް ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ. އަދި މިއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު އެންމެ މަތީ ފަންތީގެ މަޝްވަރާތަކެވެ.

މި މަޝްވަރާތަކުގެ ނަތީޖާއަށް ބިނާވެފައިވަނީ، މިހާރު އިއުލާންކޮށްފައިވާ ނާޒުކު ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުސްތަޤުބަލާއި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމެވެ. ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ގާތްގަނޑަކަށް %20 ދަތުރުކުރާ މި ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވަނީ ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.

އީރާނު ސަރުކާރުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، 14 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތައް މިވަގުތަށް ނިމިފައިވާ ކަމަށާއި، ދެ ފަރާތުގެ ފަންނީ މާހިރުން ލިޔެކިޔުންތައް ބަދަލުކުރައްވާނެ ކަމަށެވެ. "ބައެއް ކަންކަމުގައި އަދިވެސް ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މަޝްވަރާތައް ކުރިއަށްދާނެ،" އެ ޕޯސްޓުގައި ބުނެފައިވެއެވެ. ނަމަވެސް އަލުން ބައްދަލުވުންތައް ފަށާނެ ގަޑި ހާމަކޮށްފައެއް ނުވެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީ ރިޕޯޓަރަކު ބުނި ގޮތުގައި، މި މަޝްވަރާތައް އާދީއްތަ ދުވަހުވެސް ކުރިއަށްދާނެ އެވެ.

މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި، ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ވަނީ އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އަދި ހާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ބައްދަލުކުރައްވައި ދެ ގަޑިއިރަށްވުރެ ގިނަ އިރު މަޝްވަރާ ކުރައްވާފަ އެވެ.

ޓްރަމްޕްގެ ސަރުކާރުން މި މަޝްވަރާތަކާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހުކުރު ދުވަހު އީރާނުގެ ވަފުދު އިސްލާމްއާބާދަށް ދިޔައީ، ހަނގުރާމައިގައި އަވަހާރަވި އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އެހެނިހެން ބޭފުޅުންގެ ހަނދާނުގައި ކަޅު ހެދުމުގަ އެވެ. އީރާނު ސަރުކާރުން ބުނި ގޮތުގައި، އެ ވަފުދުން ވަނީ އެމެރިކާއިން އަސްކަރީ މަރުކަޒެއްގެ ކައިރީގައި ހުރި ސްކޫލަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި ބައެއް ދަރިވަރުންގެ ފައިވާނާއި ދަބަސްތައް ގެންގޮސްފަ އެވެ. ޕެންޓަގަނުން ބުނެފައިވަނީ އެ ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރީ ތަހުގީގުގެ މާހިރުން ގަބޫލުކުރަނީ އެ ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމަށެވެ.

ޕާކިސްތާނުގެ އެހެން މަސްދަރަކުން ބުނި ގޮތުގައި، ފުރަތަމަ ބުރުގެ މަޝްވަރާތަކުގައި ދެ ފަރާތުގެ މެދުގައި ވަރަށް ބޮޑެތި ޖަޒުބާތީ ބަދަލުތަކެއް ފެނިގެންދިޔަ އެވެ.

މި މަޝްވަރާތަކަށްޓަކައި ދެ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ އިސްލާމްއާބާދު އޮތީ އެއްކޮށް ބަންދުކޮށްފަ އެވެ. ސިޓީގެ މަގުތަކުގައި އެތައް ހާސް ޕެރާމިލިޓަރީ އަދި ސިފައިންގެ ފައުޖުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޚާރިޖީ ގޮތުން އެކަހެރިވެފައި އޮތް ޕާކިސްތާނުން މިފަދަ މެދުވެރިއެއްގެ ދައުރު އަދާކުރުމަކީ އެ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ހޮރްމޫޒް ކަނޑުއޮޅިމަޝްވަރާތައް ފެށުނު ވަގުތު، އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ހޮރްމޫޒް ކަނޑުއޮޅި ސާފުކުރުމުގެ މަސައްކަތް ފެށުމަށް "މަގުފަހިކުރަމުން"ދާ ކަމަށެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ މައިގަނޑު އަސާސެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެމެރިކާގެ ދެ ހަނގުރާމަމަތީ އުޅަނދެއް އެ ކަނޑުއޮޅިން ދަތުރުކޮށްފައިވާއިރު، ކަނޑުގެ މައިންތައް ސާފުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ނަމަވެސް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ އެމެރިކާގެ އެއްވެސް އުޅަނދެއް އެ ސަރަޙައްދުން ދަތުރުކުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.

މަޝްވަރާތައް ފެށުމުގެ ކުރިން އީރާނުގެ އިސް މަސްދަރަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، ގަތަރާއި އެހެނިހެން ބޭރުގެ ބޭންކުތަކުގައި ހުރި އީރާނުގެ ފައިސާ ދޫކޮށްލުމަށް އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އެމެރިކާގެ އޮފިޝަލަކު ވަނީ އެ ފައިސާ ދޫކޮށްލުމަށް އެއްބަސްވިކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނާ ގޮތުގައި، ބޭރުގައި ހުރި ފައިސާ ދޫކޮށްލުމުގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލާއި، ހަނގުރާމައިގެ ބަދަލު ނަގައިދިނުމަށާއި، ލުބުނާނު ހިމެނޭހެން މުޅި ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމަށް ތެހެރާނުން ދަނީ ޑިމާންޑް ކުރަމުންނެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަތުން "ޓްރާންސިޓް ފީ" ނެގުމުގެ ހުއްދައަށްވެސް އީރާނުން އެދެއެވެ.

ރައީސް ޓްރަމްޕް ބޭނުންފުޅުވާ ކަންކަމަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، އޭނާގެ އެންމެ ކުޑަ އުންމީދަކީ ދުނިޔޭގެ މުދާ އުފުލާ އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރެވޭނެ މަގުފަހިވުމާއި، އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދިޔަނުދިނުމަށްޓަކައި އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމެވެ.

ފެބްރުއަރީ 28 ގައި އީރާނަށް ދިން ހަމަލާތަކުގައި ބައިވެރިވި އެމެރިކާގެ ބައިވެރިޔާ އިޒްރޭލުން ދަނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަށް ބޮން އަޅަމުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ ހަމަލާތަކަކީ އެމެރިކާއާއި އީރާނާ ދެމެދު ދެކެވޭ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ބައެއް ނޫނެވެ.