އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް އެއްބަސްވުމަކާ ހަމައަށް ނާދެވި، ދެ ޤައުމުގެ ވަފުދުތައް ޕާކިސްތާނުން ފުރައިފި އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އާދީއްތަ ދުވަހު ނިމުނު ދިގު މަޝްވަރާތަކަށް ފަހުވެސް، ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އީރާނާއި އެމެރިކާއަށް އާދެވޭ ގޮތް ވަނީ ނުވެފަ އެވެ. މީގެ ސަބަބުން މިހާރު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ނުރައްކާ ކުރިމަތިވެފަ އެވެ.

ފާއިތުވި ހަ ހަފުތާގެ ތެރޭގައި އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ މި ހަނގުރާމަ ހުއްޓުވުމަށް 21 ގަޑިއިރަށް ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވުމުގެ ޒިންމާ ދެ ފަރާތުންވެސް އަޅުވަމުންދަނީ އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގަ އެވެ.

އެމެރިކާގެ ވަފުދުގެ އިސްވެރިޔާ، ނައިބު ރައީސް ޖޭޑީ ވެންސް އިސްލާމްއާބާދުން ފުރާވަޑައިގަތުމުގެ ކުޑަވަގުތުކޮޅެއް ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއްބަސްވުމަކަށް ނާދެވުމަކީ ހިތާމަވެރި ހަބަރެއް ކަމަށާއި، މިއީ އެމެރިކާއަށްވުރެ ބޮޑަށް އީރާނަށް ލިބުނު ދެރައެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އެމެރިކާއިން ކަނޑައެޅި ރަތް ރޮނގުތަކާއި އީރާނުގެ ނުރުހުން

ވެންސް ވިދާޅުވި ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ވަކި އިންތަކެއް ނުވަތަ "ރެޑް ލައިންސް" ތަކެއް ހުރިކަން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެވެ. އެމެރިކާއާއި އީރާނުގެ ވަފުދުތައް މިހާރު އެނބުރި ޤައުމަށް ދިޔުމަށްޓަކައި އިސްލާމްއާބާދުން ފުރާފައިވާކަން ޕާކިސްތާނުގެ މަސްދަރުތަކުން ރޮއިޓާސްއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެމެރިކާއިން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުން ހިމެނޭއިރު، އީރާނުން އެކަން ގަބޫލުކޮށްފައި ނުވާ ކަމަށް ވެންސް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ބޭނުންވާ ކަމަށާއި، މިއީ ރައީސް ޓްރަމްޕްގެ މައިގަނޑު އަމާޒު ކަމަށެވެ.

މި މަޝްވަރާތަކަކީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު އެމެރިކާއާއި އީރާނާ ދެމެދު ބޭއްވުނު އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވަނީ އެމެރިކާގެ "އިންތިހާ" ހަރުކަށި ޝަރުތުތަކުގެ ސަބަބުން އެއްބަސްވުމަކަށް އައުމަށް ހުރަސް އެޅުނު ކަމަށެވެ. އަދި ބައެއް ކަންކަމުގައި އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ހޮރްމުޒް ކަނޑުއޮޅިއާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދިޔައީ އިތުބާރު ނެތް މާހައުލެއްގައި ކަމަށާއި، އެންމެ ބައްދަލުވުމަކުން ހުރިހާ ކަމެއް ހައްލުވާނެ ކަމަށް އުއްމީދު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު އިސްހާގު ދާރު ވިދާޅުވީ، ފެބުރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކާއެކު ފެށުނު މި ހަނގުރާމަ ހުއްޓުވުމަށްޓަކައި، މިދިޔަ އަންގާރަ ދުވަހު އެއްބަސްވި ދެ ހަފުތާގެ މުއްދަތުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓް މިނިސްޓަރު ޒީވް އެލްކިން ވިދާޅުވީ، އިތުރު މަޝްވަރާތަކަށް ފުރުސަތު އޮތް ނަމަވެސް، އީރާނުން އުޅެނީ "އަލިފާނާ ކުޅެން" ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ

ދުނިޔޭގެ ހަކަތައިގެ %20 ސަޕްލައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި، ހަނގުރާމަ ފެށުނީއްސުރެ އީރާނުން އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް ވެންސްގެ ވާހަކަފުޅުގައި އެ ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ވެންސް ވިދާޅުވި ގޮތުގައި މަޝްވަރާތަކުގެ ތެރޭގައި ރައީސް ޓްރަމްޕާ އެތައް ފަހަރަކު ފޯނުން ވާހަކަދެއްކެވި އެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެއްބަސްވުމަކަށް އައުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި، ސަބަބަކީ މިހާރުވެސް ކުރިލިބިފައިވަނީ އެމެރިކާއަށް ކަމަށްވާތީ ކަމަށެވެ.

އީރާނުން ބޭނުންވަނީ އެމެރިކާއިން ހިފަހައްޓާފައިވާ އެ ޤައުމުގެ ފައިސާތައް ދޫކޮށްލުމަށާއި، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އެމީހުންނަށް އޮތުމަށެވެ. މީގެ އިތުރުން ހަނގުރާމައިގެ ބަދަލު ހޯދުމަށާއި، ލުބުނާނު ހިމެނޭހެން މުޅި ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމަށް އީރާނުން ދަނީ ޝަރުތު ކުރަމުންނެވެ.

މަޝްވަރާތަކުގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ފުރަތަމަ ފަހަރަށް ތެޔޮ އުފުލާ ތިން ބޮޑު އުޅަނދެއް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް އަދިވެސް އެތައް ސަތޭކަ އުޅަނދެއް ފުރުސަތެއްގެ އިންތިޒާރުގައި އެ ސަރަހައްދުގައި އެބައޮތެވެ.

އިޒްރޭލުން ލުބުނާނުގައި ހިޒްބުالله އަށް އަމާޒުކޮށް ހަމަލާދެމުންދާއިރު، އެއީ އީރާނާއި އެމެރިކާގެ އެއްބަސްވުމުގެ ބައެއް ނޫން ކަމަށް އިޒްރޭލުން ބުނެއެވެ. ނަމަވެސް އީރާނުން ބާރުއަޅަނީ ލުބުނާނުގެ ހަމަލާތައްވެސް ހުއްޓާލުމަށެވެ. މިއަދުވެސް އިޒްރޭލުން ވަނީ ބައިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.