މިހާރު ކެބިނެޓަށް ގެންނަމުން އަންނަ ބަދަލުތަކުގެ ތެރެއިން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް އަހްމަދު ޝިޔާމް މިއަދު އައްޔަންކޮށްފި އެވެ.

ޝިޔާމް ކުރިން ހުންނެވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރުގެ މަގާމުގަ އެވެ.

ކެބިނެޓަށް ގެނައި ބަދަލުގެ ތެރެއިން ވަކިން އޮތް އެގްރިކަލްޗާ މިނިސްޓްރީ އުވާލައި ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓްގެ ތެރެއަށް އެ މަސައްކަތް ވަނީ ބަދަލުކޮށްފައެވެ.

ކެބިނެޓު އަލުން އެކުލަވާލީ، ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް 10 މިނިސްޓަރުން އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެ ވަޒީރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

ރައީސް މުއިއްޒު ވަނީ މިނިސްޓަރުންގެ އަދަދު 15އަށް މަދުކުރައްވާފަ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި 12 މިނިސްޓަރުން މަގާމުގެ ހުވާ ކުރެއްވި އެވެ. އޭގެތެރޭގައި މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު ހީނާ ވަލީދު އާއި މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ އަލީ ޝަރީފާއި މިނިސްޓަ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އާއި މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ އާއި މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މޫސާ ޒަމީރު ހިމެނިވަޑައިގަންނަވަ އެވެ.

އިތުރަށް އައްޔަންކުރެއްވި މިނިސްޓަރުން

  • އަލީ އިހުސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ
  • ޑރ. އިސްމާއީލް ޝަފީއު - މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
  • މުހައްމަދު ސައީދު - މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
  • ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް
  • މުހައްމަދު އަމީން - މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
  • ޑރ. އަބްދުﷲ މުއްތަލިބު - މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް
  • އަބްދުﷲ ރާފިއު - މިނިސްޓަ އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް

ހުސްކޮށް އޮތް ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް އަދި އެއްވެސް ބޭފުޅަކު އައްޔަނެއް ނުކުރެ އެވެ.