ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރު ގެނައުމަށްޓަކައި އެންމެ އިސް ސަފުގައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ވަޒީރުންތަކަކަށް، ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަށް އެންގެވިއިރު، ގިނަ މިނިސްޓަރުން ތިއްބެވީ ވާނުވާއެއް ނޭނގި ކުއްލި ހައިރާންކަމެއްގައި ކަން އެނގިއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ކުއްލިއަކަށް ޖުމްލަ 10 ވަޒީރަކަށް ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް އަންގަވާފަ އެވެ. މި ބޭފުޅުންގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީގެ ނައިބު ރައީސް ޣައްސާން މައުމޫންގެ އިތުރުން، ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަރީފް އުމަރާއި އަބްދުﷲ ހަލީލު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ވަޒީރުކަމުން އިސްތިއުފާންދެއްވި ޣައްސާން މައުމޫންއާއި އަބްދުﷲ ހަލީލް--- ފޮޓޯ: ރައީސް އޮފީސް

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި، މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި އެއް ބޭފުޅަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރެވެ. ހައިދަރަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ދުވަސްވަރުން ފެށިގެން، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރުވެސް ރައީސާ އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި، ރައީސްގެ އެންމެ ވަފާތެރި އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެކެވެ. ނަމަވެސް، މި ބަދަލާ ގުޅޭގޮތުން ރައީސް އެ ބޭފުޅާއާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަން ވަނީ އެނގިފަ އެވެ.

މީގެ އިތުރުން، ސިޓީސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފަށް އިސްތިއުފާ ދެއްވުމަށް އަންގާފައިވަނީ އެ ބޭފުޅާ ރަސްމީ ދަތުރުފުޅެއްގައި އަތޮޅުތެރޭގައި އުޅުއްވަނިކޮށް ކަންވެސް ވަނީ ކަށަވަރުވެފަ އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ރައީސް ޔާމީންގެ ފޮޓޯ ހިފައިގެން

ފަހަރަކު ވަޒީރެއްގެ އިސްތިއުފާގެ ހަބަރު ފެންމަތިވަމުން ދިޔައިރު، ގިނަ ރައްޔިތުންނާއި އަދި މަގާމުން ވަކިކުރެވުނު ވަޒީރުންވެސް ހީކުރައްވައިގެން ތިއްބެވީ މިއީ ކެބިނެޓަށް ގެންނަ "ރީޝަފަލް" އެއް ކަމަށެވެ. އެގޮތުން އިސްތިއުފާ ދެއްވި ނަމަވެސް، އެހެން މިނިސްޓްރީއަކުން ނުވަތަ މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނައުމަށްފަހު އަލުން މަގާމު ދެއްވާނެ ކަމަށް ގިނަ ބޭފުޅުން އުންމީދު ކުރެއްވި އެވެ.

ނަމަވެސް ކަންތައް ވެގެންދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. ކުރީގެ ޕީޕީއެމް އިން ފެށިގެން ޕާޓީގެ ތެރޭގައި އެންމެ ބޮޑު ނުފޫޒެއް އޮތް ބޭފުޅުން ކެބިނެޓުން ބޭރުކޮށްލުމަށްފަހު، ރައީސް މުއިއްޒު އަލުން ކެބިނެޓް އެކުލަވާލެއްވީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ބޭފުޅުންނާއި، މާ ބޮޑު ތަޖުރިބާއެއް ނެތް ބޭފުޅުން ހިމަނުއްވައިގެންނެވެ.

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ ވަލީދު އައްޔަންކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

މި ކުއްލި ބަދަލާއެކު ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، އިސްތިއުފާ ދެއްވި ވަޒީރުންނާއި ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ތިއްބެވީ މި ބަދަލު އައި ގޮތާ މެދު ސުވާލު އުފެދި، ވާނުވާ ނޭނގޭ ހާލަތެއްގަ އެވެ.

އިދިކޮޅު އެމްޑީޕީގެ ބައެއް އިސް ބޭފުޅުންވެސް ވިދާޅުވީ ބޮޑު ހަނގުރާމައެއްގެ ސަބަބުން މުޅި ދުނިޔެ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެކަމަށް ބެލެވޭ މިދަނޑިވަޅުގައި، ރާއްޖެފަދަ ނާޒުކު އިގްތިސާދެއް އޮތް ގައުމަކަށް މިފަދަ ކުއްލި ބޮޑު ބަދަލުތަކެއް ގެނައުމަކީ ސަރުކާރު ވަރަށް ބޮޑަށް ނިކަމެތިވެފައިވާކަން ހާމަވާ ކަމެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރު ހިންގެވުމުގައި ރައީސް މުއިއްޒުގެ ހަރުދަނާކަމެއް ނެތުމާއި، ރައްޔިތުންނާއި ގުޅޭ ބޮޑެތި ކަންކަމުގައި ރައްޔިތުންނަށް ބެއްލެވުމެއް ނެތި ކަންކަން ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން، ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ރައްޔިތުންގެ ގިނަ ބަޔަކު ބޮޑުތަނުން ވަނީ "ނޫނެކޭ" ބުނެފަ އެވެ. ނަމަވެސް ރައީސް ޒިންމާ ނަންގަވަން ޖެހޭ ކަމެއްގައި އަދަބު މި ދެއްވީ މިނިސްޓަރުން ތަކަކަށެވެ.