ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑެންގީ، ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި (ހާއްސަކޮށް އެޕްރީލް އިން ޖުލައި އަށް) އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި، ސިޓީ/ރަށު ކައުންސިލްތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން، ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.
އެކި އިދާރާތަކުން މިކަމުގައި އަޅާނެ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ ބުނެދީފަ އެވެ. އެގޮތުން:
ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް: ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލާ ފޮލޯ-އަޕްކުރުމާއި ރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރު ކުރުމާއި އެޗްޕީއޭ އަށް ގަވާއިދުން ރިޕޯރޓް ކުރުން.
ކައުންސިލްތައް: ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެލުލަވާލާ ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުން.
ސްކޫލްތައް: ކޮންމެ ހަފްތާއަކު 1 ފަހަރު ސްކޫލްގެ ގޯތިތެރެ ބަލައި ފާސްކޮށް މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ޑެންގީ އިން ރައްކާތެރިވުމާއި ގުޅޭތުން ދަރިވަރުން ހޭލުންތެރިކުރުން.
ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ސައިޓް އަދި އިންޑަސްޓްރިއަލް ރަށްތައް: ރަށުގެ އެކި ސަރަހައްދުތައް ހަފްތާއެކު 1 ފަހަރު ބަލައި ފާސްކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ ސާފުކުރުމާއި ޑެންގީ އިން ރައްކާތެރިވުމާ ގުޅޭތުން މުވައްޒަފުން ހޭލުންތެރިކުރުން.
ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތައް: މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މިމަސައްކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުމުގެމަސައްކަތްތައް ކުރުން.
މީޑިއާ: ކަމާ ބެހޭ އިދާރާ ތަކުން ހިއްސާ ކުރަމުންގެންދާ ޑެންގީއާ ގުޅޭ މައުލޫމާތު ފެތުރުމާއި، ރައްޔިތުން ހޭލުންތެރިކުރުން.
މީގެ އިތުރުން އާންމު ފަރުދުން މަދުވެގެން ހަފްތާއަކު 1 ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަތަކެތި ބަލާ ފާސްކޮށް މަދިރި އާލާނުވާނެ ގޮތަށް ސާފުކުރުމާއި މަދިރިހެފުމުން ރައްކާތެރިވުމާއި ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ، ޑެންގީ ކޮންޓްރޯލްކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުން ކަމަށެވެ.
އިޓަލީން އިޒްރޭލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލައިފި
ހޮރްމޫޒް ކަނޑުއޮޅީގެ އޮމާން ފަޅިން ދަތުރު ކުރެވޭނެ ހުށަހެޅުމެއް
"ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދަވައިފި