ރާއްޖޭގައި މިވަގުތު ހުރި ކޮވިޑް ވެކްސިން ސްޓޮކްގެ އަދަދު މަދުކަމަށް ސަރުކާރުން ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ވެކްސިންގެ ސްޓޮކް ހުރި މިންވަރު މަދު ކަމަށް އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވާ ކަމަށެވެ.

އެކަމަކު ބާކީ ހުރީ ކިހާ އަދަދެއްކަން ސާފު ނުވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައި އެވެ. ރާއްޖޭގައި ހުރި ވެކްސިންގެ އަދަދު ހާމަނުކުރާތީ ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އަދި އެއީ އެކަށީގެންވާ ވަރަށް ވެކްސިން ލިބެން ނެތުމުން އަދަދު ހާމަ ނުކުރަނީ ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެ އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދ ދަތިތަކަކާ ކުރިމަތިނުލެވި ވެކްސިން ލިބެން ހުންނާނެ ކަމަށެވެ.

ކޮވިޑު-19 އިން ދިފާއުވުމަށް ރާއްޖެއިން ގަންނަ ވެކްސިންގެ 700،000 ޑޯޒް އަންނަ މަހު ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައި އެވެ.

ވެކްސިނޭޝަން ޕްރޮގްރާމު މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް، ރާއްޖެއިން ވެކްސިން ހުސްވާ ކަމުގެ އަޑުތައް ގަދަވީ އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ، އެ ގައުމުން، އެހެން ގައުމުތަކަށް ވެކްސިން އެތެރެކުރުން ހުއްޓާލުމާ ގުޅިގެންނެވެ.

ރާއްޖެ އިން މިހާތަނަށް 297،639 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން 108،494 މީހުންނަކީ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.