އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

މި ފެސިލިޓީއަކީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ދޫކޮށްފައިވާ ފެސިލިޓީއެކެވެ. މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އިންޑިއާއިން ވަނީ މި ފެސިލިޓީގެ މުއްދަތު ރާއްޖެއަށް އިތުރުކޮށްދީފަ އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ދަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން، ފާއިތުވި އަހަރުގެ ތެރޭގައި ދެ ޓްރެޝަރީ ބިލެއްގެ މުއްދަތުވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ފަސްކޮށްދީފަ އެވެ.

ނަމަވެސް، ސާކް ކަރަންސީ ސްވޮޕްގެ އުސޫލުތައް މިހާރު ހުރިގޮތުން، މި ފެސިލިޓީގެ މުއްދަތު އިތުރަށް ދިގުކުރުމުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް ހުރިކަން އިންޑިއާއިން ފާހަގަކުރެ އެވެ. މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން މިހާރު ދަނީ ގަވާއިދުގެ ތެރެއިން ރާއްޖެއަށް މިކަމުގައި ލުޔެއް ދެވޭނެ ގޮތްތަކެއް ހޯދުމަށް ދިރާސާކުރަމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އިންޑިއާއަށް ފައިސާ ދެއްކުން ފަސްކުރަން އެދުނުއިރު، ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއިން ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ 2 ވަނަ ދުވަހު ބުނެފަ އެވެ.