'ދަ ކަޕިލް ޝަރްމާ ޝޯ' ގެ ސޯފާގައި އިށީނދެގެން އިނދެ ބާރަށް ހީނލުމަކީ އަރްޗަނާ ޕުރާން ސިންހުގެ މިހާރުގެ އެންމެ މަޝްހޫރު ސިފަ އެވެ. ނަމަވެސް، އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ފިލްމީ ދާއިރާއިން އޭނާއަށް ފުރުޞަތު ނުލިބޭތީ އޮތް ބޮޑު މާޔޫސްކަމެއްކަން އޭނާ މިވަނީ ހާމަކޮށްފަ އެވެ.
މިފަހުން ދިން އިންޓަވިއުއެއްގައި އުމުރުން 63 އަހަރުގެ އަރްޗަނާ ވަނީ އޭނާ "ޓައިޕްކާސްޓް" ވެފައިވާ މިންވަރާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ބުނިގޮތުގައި މުޅި އިންޑަސްޓްރީއަށް މިހާރު އޭނާ ފެންނަނީ ހަމައެކަނި "ހީލަން އިންނަ މީހެއްގެ" ގޮތުގަ އެވެ.
އަރްޗަނާ ބުނީ އޭނާއަކީ ގިނަ ފިލްމުތަކެއްގައި މޮޅު އެކްޓިންއެއް ދައްކާފައިވާ މީހެއް ނަމަވެސް، މިހާރު ޑައިރެކްޓަރުންނަށް އޭނާގެ އެކްޓިން ހުނަރު ފެންނަހެން ހީނުވާ ކަމަށެވެ.
"އަހަރެން މިހުރީ އެކްޓް ކުރަން ބޭނުންވެފައި. އަހަރެން މިހުރީ މަސައްކަތެއް ނެތިފައި. ރަނގަޅު ރޯލެއް ލިބޭތޯ އަހަރެން މިދަނީ އާދޭސްކުރަމުން،" އަރްޗަނާ ވަރަށް އަސަރާއެކު ބުންޏެވެ.
އަރްޗަނާއަކީ ހަމައެކަނި ކޮމެޑީ ޝޯތަކަށް ފިޓު މީހެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީ ސީރިއަސް ނުވަތަ ތަފާތު ރޯލުތަކަކަށް އޭނާއަށް ފުރުޞަތު ނުލިބޭކަން އޭނާ ފާހަގަކުރި އެވެ.
މި ޚަބަރާއެކު އަރްޗަނާގެ ގިނަ ސަޕޯޓަރުން ދަނީ އޭނާއަށް ހިތްވަރު ދެމުންނެވެ. ގިނަ ބަޔަކު ބުނާގޮތުގައި 'ކުޗް ކުޗް ހޯތާ ހޭ' ގެ މިސް ބްރިގަންޒާ ފަދަ ރޯލުތަކުން އޭނާގެ ހުނަރުވެރިކަން ވަނީ ސާބިތުކޮށްދީފަ އެވެ. އެހެންކަމުން، އޭނާއަށް އާ ފުރުޞަތުތަކެއް ދިނުމަކީ ފިލްމު އުފައްދާ ފަރާތްތަކުން ކުރަންޖެހޭ ކަމެއް ކަމަށް ސަޕޯޓަރުން ބުނެ އެވެ.
އަރްޗަނާ ބުނިގޮތުގައި އޭނާ ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ. އޭނާ ބޭނުންވަނީ އާޓިސްޓެއްގެ ގޮތުގައި އަމިއްލަ ނަފްސު ސާބިތުކޮށްދޭނެ ފުރުޞަތެކެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަމުން އަމްޖަދު އިސްތިއުފާދެއްވައިފި
އެމެރިކާއާއެކު މަޝްވަރާއަށް ދިއުމާ މެދު ގޮތެއް ނުނިންމަން: އީރާން
ޔަމަނާއި ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދެނީ