ރާއްޖެ ވަޑައިގެންނެވީ ރައީސް މުހައްމަދު މުއިއްޒުގެ މި ވެރިކަން ބަދަލުކުރަން ކަމަށާއި، އެހެންކަމަކާއި ވިސްނާނީ ވެސް ވެރިކަން ބަދަލުކުރެއްވުމަށް ފަހުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗެއާޕާސަން ކަމުގެ މަގާމަށް ކެމްޕޭންކުރެއްވުމަށް އިއްޔެ އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ގާނާގައި ކުރިން ހުންނެވި ވަޒީފާ ދޫކުރައްވާފައި ރާއްޖެ ވަޑައިގަންނަވަން ޖެހުނީ އެ މަނިކުފާނާއި އެ މަނިކުފާނުގެ ދަރިންގެ ގައުމަށް މި ގައުމު ވާއިރު ގައުމުގެ ކަންކަން ނުރަނގަޅުކޮށް ހިނގާތީ ކަަމަށެވެ.

"އެކަން އިރާދަކުރެއްވިއްޔާ ކުރާނަން. ވެރިކަން ބަދަލުކުރަން އަޅުގަނޑު އައީ. ވަންދެން އަޅުގަނޑު ހަމަ ގައިމު ވެސް ހުންނާނަން. އެކަން ކޮށްފަ އަޅުގަނޑު އެހެންކަމަކާއި ވިސްނާނީ ވެސް." ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ކަންކަން އިސްލާހުކުރަން މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ޕްލެޓްފޯމަކީ އެމްޑީޕީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި ބޮޑު ބަދަލުގެ ތަސައްވުރާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ނަޝީދު ވަނީ މީގެކުރިން ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ. ނަމަވެސް އެކަން ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.