މާލޭގައި ހަލުވިމިނުގައި ކޮވިޑު ފެތުރެމުންދާތީ އެއްގަމު އިންޖީނުލީ އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އަލަށް ލައިސަންސް ނެގުމަށް ހަދާ ތިއަރީ ޓެސްޓް އަދި ޕްރެކްޓިކަލް ޓެސްޓު ހެދުން ވެސް އަދި ދުއްވުމުގެ ލައިސަންސް އަށް ކެޓަގަރީ އިތުރު ކޮށްދިނުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައި ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ދިހަ ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ނިންމުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ވެސް ދެން ލިބޭނީ އޮންލައިން ކޮށެވެ.

ލައިސަންސް ގެއްްލިގެން ނުވަތަ މުއްދަތު ހަމަވެގެން ލައިސަންސް އައު ކުރާ ފަރާތްތަކަށް އޮންލައިންކޮށް އެ ހިދުމަތަށް އެދެވޭނެ އިންތިޒާމު ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.

މާލޭ ސަރަހައްދުގައި ރެކޯޑް އަދަދަކަށް ކޮވިޑް-19 ކޭސްތައް ގިނަ ވުމާއި ގުޅިގެން، ސަރުކާރު އޮފީސްތައް މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ވަނީ ނިންްމާފަ އެވެ.