އުމުރު ދުވަހު ޖަލުގައި އޮންނަންޖެހުނަސް އަދަދު ނޫހަށް މައުލޫމާތު ދޭ މީހުންގެ މަސްދަރު ހާމަނުކުރާނެ ކަމަށް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒާއި ރައީސް އޮފީހުގެ ކުރީގެ އަންހެން މުވައްޒަފަކު ލޯބީގެގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ވާހަކަތަކެއް ހިމެނޭ ޑޮކިޔުމެންޓްރީއެއް އަދަދު ނޫހުން ތައްޔާރުކުރި މައްސަލާގައި ފިޔާޒު މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމުން ފިޔާޒު ވަނީ ގާނޫނުއަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފަ އެވެ.
ފިޔާޒު ވިދާޅުވީ ފުލުހުން ކުރި ސުވާލުތަކަށް ޖަވާބުނުދީ ހަނުހުރީ މަސްދަރު ހާމަވާފަދަ ސުވާލެއް ކުރުމުން ކަމަށެވެ.
"ރައްޔިތުންގެ ފަރާތުން މައުލޫމާތު މިދެނީ ވަރަށް ބޮޑަށް އިތުބާރުކޮށްފަ. އަޅުގަނޑު ހަނުހުރުމުގެ ހައްގުގެ ބޭނުންކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި،" ފިޔާޒު ވިދާޅުވި އެވެ.
ފިޔާޒުގެ އިތުރުން އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވެސް މިއަދު ފުލުހަށް ހާޒިރުކުރި އެވެ. އޭނާ ވެސް ވަނީ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެތަނުގައި ހުރި ހުރިހާ އިލެކްޓޯނިކް ސާމާނުތަކެއް ގެންގޮސްފަ އެވެ.
އެމްޓީސީސީގެ ޑީއެމްޑީ ކަމުން ޝަރީފް ވަކިކޮށްފި
