ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވުމުން އެންމެފަހުން، މިރެއިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް މާލޭގައި ކާފިއު ހިންގަން ނިންމައިފި އެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ވަނީ މާދަމާ ރެއިން ފެށިގެން މާލޭގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެވަގުތުގައި އުޅަނދުތައް ދުއްވުމާއި ހިނގާބިނގާވެ އުޅުމަކީ ވެސް މަނާކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޒަރޫރީ ބޭނުންތަކަށާއި ޑެލިވަރީގެ ޚިދުމަތަށް ބޭރަށް ނުކުތުމަށް ފުލުހުން ހުއްދަދޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ މާލޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އެވެ.

މިއަދު އެކަނި މުޅި ރާއްޖެއިން 734 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 540 މީހުން ޕޮޒިޓިވްވިއިރު، 186 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން ހަތް މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތައް މިހާރު ވަނީ 7،109 އަށް އަރާފަ އެވެ. ކޮވިޑްގައި ހާލުދެރަވާ މީހުންނަށް ފަރުވާ ދެމުންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ ހުރިހާ އެނދެއް ވަނީ ފުރިފަ އެވެ.