މާވެލް ސިނެމެޓިކް ޔުނިވާސްގެ ފިލްމުތަކަށް ނުސީދާ ގޮތެއްގައި ފާޑުކިޔައި، އެ ފިލްމުތަކުގެ ވާހަކަ ބިނާކުރާ ގޮތަކީ "ފޫހި" ކަމެއްގެ ގޮތުގައި އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ދުނިޔޭގެ އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ މެރީލް ސްޓްރީޕް ސިފަކޮށްފި އެވެ.
މި މަހުގެ ކުރީކޮޅު ރިލީޒްކުރި އޭނާގެ އާ ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޕްރޮމޯޝަންގެ ތެރެއިން ދިން އިންޓަވިއުއެއްގައި މެރީލް ބުނީ މިހާރުގެ ފިލްމުތައް "މާވެލް-އައިޒް" ވަމުންދާ ކަމަށެވެ.
މީގެ މާނައަކީ ކޮންމެ ފިލްމެއްގައިވެސް ކަނޑައެޅިގެން އެނގޭ "ވިލަން" އަކާއި "ހީރޯ" އެއް ހުރުމުގެ ސަބަބުން ވާހަކައިގެ ފުންމިން ގެއްލިގެން ދިއުމެވެ.
"އަހަރެމެން މިހާރު ފިލްމުތައް މާވެލް-އައިޒް ކުރަމުން މިދަނީ. އޭގައި އުޅޭނީ ހަމައެކަނި ނުބައި މީހުންނާއި ރަނގަޅު މީހުން. އެއީ ވަރަށް ފޫހި ކަމެއް،" މެރީލް ބުންޏެވެ.
އުމުރުން 76 އަހަރުގެ މެރީލް އިތުރަށް ބުނި ގޮތުގައި، ދިރިއުޅުމުގެ ހަގީގަތަކީ ބައެއް ފަހަރު ހީރޯއިންގެ ކިބައިގައިވެސް އުނި ސިފަތައް ހުރުމާއި، އަދި ވިލަންއަކީވެސް އިންސާނީ އިހުސާސްތަކާއި ތަފާތު ސިފަތައް އެކުލެވޭ ބަޔަކަށް ވުމެވެ.
އޭނާ ދެކޭގޮތުގައި "ދަ ޑެވިލް ވެއާސް ޕްރާޑާ 2" ގެ ޝައުގުވެރިކަމަކީ އޭގެ ކެރެކްޓާތަކުގެ ހުރި މި "މުޑުދާރު" ނުވަތަ އޮޅުންބޮޅުން ބޮޑު ސިފަތަކެވެ.
2006 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ސީކުއަލްގައި މެރީލް އަލުން ފެނިގެންދަނީ އޭނާގެ އައިކޮނިކް ރޯލު ކަމަށްވާ މިރަންޑާ ޕްރީސްޓްލީގެ ގޮތުގަ އެވެ.
މި ފިލްމުގައި އޭނާއާއެކު އޭން ހެތަވޭ އަދި އެމިލީ ބްލަންޓްވެސް ފެނިގެންދެ އެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ޕްރިންޓް މީޑިއާގެ ދާއިރާ ބަދަލުވަމުންދާ ގޮތާއި، މިރަންޑާގެ އާ ގޮންޖެހުންތަކުގެ މައްޗަށެވެ.
މެރީލް ސްޓްރީޕްގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. ބައެއް މީހުން އޭނާގެ ވާހަކައަށް ތާއީދު ކުރާއިރު، މާވެލްގެ ފޭނުން ދަނީ އެ ފިލްމުތަކަކީވެސް އޭގެ ޒާތުގައި ފަންނުވެރި މަސައްކަތްތަކެއް ކަމަށް ބުނެ އެ ފިލްމުތައް ދިފާއު ކުރަމުންނެވެ.
އަތޮޅު ކައުންސިލްތައް އިއާދަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްފި
އީރާނުން ޔޫއޭއީގެ ތެޔޮ ބަނދަރަކަށް ހަމަލާދީފި