ސިފައިންގެ ރޭންކް ބަދަލުނުވެ ވަކި އަހަރެއް ވަންދެން ހުރެއްޖެނަމަ، ވަޒީފާއިން ވަކިވާންޖެހޭ ގޮތަށް ރިޓަޔަމަންޓް ގަވާއިދުގައި އޮންނަ އޮތުން ފަދަ ބައެއް ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ސިފައިންގެ ގާނޫނުތަކާއި ގަވާއިދުތައް އަދި ބައެއް އުސޫލުތައް ވެސް ރަނގަޅުކުރަންޖެހޭ ކަމަށެވެ.
މިހާރު ގަވާއިދު އޮންނަ ގޮތުން ރޭންކް ބަދަލުނުވެ އެއް ރޭންކެއްގައި ވަކި މުއްދަތެއް ވަންދެން ހުރެއްޖެ ނަމަ، ހިދުމަތުން ދުރަށް ދިއުމަށް މަޖުބޫރުވެ އެވެ. އެފަދަ ލިމިޓޭޝަންތަކެއް ހުރުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެއް ރޭންކެއްގައި ވަކި މުއްދަތެއް ވަންދެން ހުއްޓަސް އެމީހުންނަށް ވަޒީފާގައި ދެމި ތިބެވޭނެ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ހިދުމަތްކުރަމުންދާ ސިފައިންނަށް އަދި ރޭންކުގައި ވަކި މުއްދަތެއް ވިޔަސް އަދި ލިމިޓޭޝަން މިހާރު އޮތް ގަވާއިދުގެ ތެރެއިން ހަމަވާ ގޮތަށް އޮތް އޮތުން އެއީ ބަދަލުކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް ބަދަލުކޮށްދީ، ސިފައިންގެ ހިދުމަތުގައި ދެމިހުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަދަން ގަސްދުކުރަން،" ރައީސް ވިދާޅުވި އެވެ.
މިހާރު ރިޓަޔާމަންޓް ގަވާއިދު އޮތީ ކިތަންމެ ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރާ ސިފައިންނަށް ވެސް އިތުރު ފައިދާތަކެއް ނުވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މީގެ އިތުރުން ވެސް ސިފައިންގެ ރިޓަޔަރަމަންޓް ގަވާއިދަށް އިތުރު އިސްލާހު ގެންނަންޖެހޭ ކަމަށް ވެސް އަޅުގަނޑު ގަބޫލުުކުރަން. 30 އަހަރަށް ވުރެ ގިނަ ދުވަސްވެގެންދާއިރު 30 އަހަރުވިޔަސް 35 އަހަރުވިޔަސް ތަފާތެއް ނެތް ރިޓަޔަމަންޓުގައި މިހާރު ލިބޭ އަދަދަށް ބަލާއިރުގައި ބެނެފިޓަށް ބަލާއިރުގައި،" ރައީސް ވިދާޅުވި އެވެ.
ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު، ގައުމުގެ އެކި ކަންކޮޅުތަކުގައި ކޮމާންޑް ސެންޓަރުތައް ހަދައި އެ ތަންތަން އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން ހަރުދަނާ ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ސަރުކާރުގެ ވިސްނުން މިހާރު ހުރީ ކޮމާންޑް ސެންޓަރުތައް އިތުރަށް ހަރުދަނާކޮށް، ސިފައިންނަށް އެ މީހުންގެ އާއިލާތަކާ ވީހާވެސް ގާތުން މަސައްކަތްކުރެވޭނެ މަގުފަހިކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިގޮތަށް ވިސްނާއިރުގައި ކުރިއަށް ދިއުމުގައި ވިސްނާއިރުގައި ތަރައްގީކުރުމަށް ބަލާއިރު ކޮންމެ އޭރިއާ ކޮމާންޑަކާ ބަލައި ކޮންމެ ސިފައިންގެ މީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދަކީ ކޮބާތޯ އެ ސަރަހައްދެއް ހިމެނޭހެން އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ގޮތަށް ގާއިމުކުރެވޭތޯ މަސައްކަތްކުރާނަން،" ރައީސް ވިދާޅުވި އެވެ.
ޕްރޮސެސްޑް ކާނާއާއި ޑިމެންޝިއާ: ސިއްހަތަށް ބޮޑު ނުރައްކަލެއް!
މިލިއަނަކަށް ވުރެ ގިނަ މާތަކުން އިސްތަންބޫލް ޖަރީވާ މޫސުމެއް!
