ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި ބަތަލާ ނޯރާ ފަތޭހީގެ ފެނިލުމެއް 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެންނާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނެޑާގެ ޓޮރޮންޓޯގަ އެވެ. ނޯރާ އަކީ ކެނެޑާއަށް އުފަން، މޮރޮކޯ ދަރިކޮޅުގެ ފަންނާނަކަށް ވުމާއެކު، އަމިއްލަ ގައުމުގައި ބޭއްވޭ މިފަދަ ބޮޑު ރަސްމިއްޔާތެއްގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.
މިއީ ފީފާ ވޯލްޑް ކަޕެއްގެ ރަސްމިއްޔާތެއްގައި ނޯރާ ބައިވެރިވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައިވެސް ނޯރާ ވަނީ ފޯރިގަދަ ހުށަހެޅުމެއް ދައްކާލާފަ އެވެ. އެފަހަރު އޭނާ ވަނީ ވޯލްޑް ކަޕްގެ ރަސްމީ ލަވަ "ލައިޓް ދަ ސްކައި"ގައިވެސް ބައިވެރިވެފަ އެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ތާރީޚީ މުބާރާތެކެވެ. ސަބަބަކީ މިއީ ތިން ގައުމެއްގައި (އެމެރިކާ، މެކްސިކޯ އަދި ކެނެޑާ) ބޭއްވޭ ފުރަތަމަ ވޯލްޑް ކަޕަށް ވުމާއި، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އަށް އިތުރުކޮށްފައި ވުމެވެ.
ނޯރާ ފަތޭހީ ބޮލީވުޑްގައި މަޝްހޫރުވެފައިވަނީ އޭނާގެ ހިތްގައިމު ނެށުންތަކުންނެވެ. "ދިލްބަރް"، "ގާމީ" އަދި "އޯ ސާކީ ސާކީ" ފަދަ ލަވަތަކުން އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.
ކެނެޑާގައި ބޭއްވޭ މި ރަސްމިއްޔާތުގައި ނޯރާގެ ފަރާތުން ކުލަގަދަ އަދި ފޯރިގަދަ ހުށަހެޅުމެއް ފެންނާނެ ކަމަށް ބެލުންތެރިން އުއްމީދު ކުރެ އެވެ.
33 އަހަރު ކުރީގެ ފިލްމެއް ނެޓްފްލިކްސް ޗާޓުގެ އެންމެ ކުރީގައި!
ވިލްއަށް ކުރެވުނު ޖިންސީ ގޯނާގެ ދައުވާ ކޯޓުން ބޭރު ކޮށްލައިފި
އަބޫދާބީން ގަތަރަށް ދަތުރުކުރި ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފި