މަޝްހޫރު ހޮރޯ-ކޮމެޑީ ފިލްމު "ރެޑީ އޯ ނޮޓް" ގެ ދެވަނަ ބައި، "ރެޑީ އޯ ނޮޓް 2" ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރިލީޒްކުރުމާއެކު، ހީނުކުރާ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

މި ފިލްމާ ގުޅޭ ރިޕޯޓްތައް ބުނާގޮތުގައި، ޑިޖިޓަލްކޮށް ފިލްމު ދައްކަން ފެށިތާ އެންމެ 24 ގަޑިއިރުގެ ތެރޭގައި، ފިލްމު އުފެއްދުމަށް ހޭދަވި ބަޖެޓުގެ ތިން ގުނަ އާމްދަނީގެ ގޮތުގައި ވަނީ ލިބިފަ އެވެ. މިއީ ޑިޖިޓަލް ރިލީޒްތަކުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހަލުވި ކުރިއެރުމެކެވެ.

މި ފިލްމުގެ މައި ރޯލުން ފެނިގެންދަނީ ފުރަތަމަ ބައިގައި ވެސް "ގްރޭސް" ގެ ރޯލުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބަތަލާ ސަމާރާ ވީވިންގް އެވެ. އޭނާގެ ކުޅަދާނަ އެކްޓިންއާއެކު މި ފިލްމަށް އަންނަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުންނެވެ.

2019 ވަނަ އަހަރު ނުކުތް "ރެޑީ އޯ ނޮޓް" އަކީ ކުޑަ ބަޖެޓަކުން އުފައްދައި، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އެ ފިލްމުގެ ސީކުއެލް ނުވަތަ ދެވަނަ ބައި އުފައްދާނެ ކަމަށް އިއުލާން ކުރި ދުވަހުން ފެށިގެން ފޭނުން ތިބީ ވަރަށް ދިގު އިންތިޒާރެއްގަ އެވެ.

ފިލްމީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި، "ރެޑީ އޯ ނޮޓް 2" އަށް މިހާ ބޮޑު ތަރުހީބެއް ލިބުނީ ފުރަތަމަ ފިލްމަށް އޮތް މަގުބޫލުކަމުގެ އިތުރުން، މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ތަފާތު ގޮތްތަކުގެ ސަބަބުންނެވެ.

މި ފިލްމަކީ މިހާރު ޑިޖިޓަލް ޗާޓުތަކުގެ އެންމެ ކުރީގައި އުޅޭ އެއް ފިލްމެވެ.