ފުވަައްމުލަކު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށަށް އަރައިފޭބުން މިއަދު މަނާކޮށްފި އެވެ.

ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުން ބުނީ، ރޯގާގެ އަލާމާތް ހުރެގެން އިއްޔެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މީހާއަކީ ދަތުރެއްކޮށް، ނުވަތަ ޑައިރެކްޓް ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީނު ކުރެވުނު މީހެއް ނޫން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އެރަށް މޮނިޓަރިންއަށް ލުމަށްފަހު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ.

އެ ރަށު ކައުންސިލުން ބުނީ ހުމުގެ އަލަމާތް ހުރެގެން ހޮސްޕިޓަލަށް ދެއްކި އިތުރު މީހަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ފަހުން ބެލި ބެލުމުން، އެ މީހާއަކީ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އަތޮޅުތަކުގެ ތެރޭ ރަށްތަކުން މިވަގުތު އަރައިފޭބުން މަނާކޮށްފައި ވަނީ 28 ރަށެއްގަ އެވެ. ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އެޗްޕީއޭ އިން ވަނީ ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް އެއް ރަށުން އަނެއް ރަށަށް ދިއުން ވެސް މަނާކޮށްފަ އެވެ.