އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ހައްޔަރުކޮށް، ޖަލަށްލުމަށް ހުކުމްކުރީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވައި މީޑިއާތަކުގެ އަޑު ކަނޑުވާލަން ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.
އެ ޕާޓީން ވަނީ އެ ދެ ނޫސްވެރިން މިހާރުން މިހާރަށް، އެއްވެސް ޝަރުތަކާ ނުލައި މިނިވަންކުރުމަށް ގޮވާލާފަ އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޝަހުޒާނާއި ލީވާން ޖަލަށްލުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށާއި މިނިވަން މުއައްސަސާތަކަށް ދިން ސީދާ ހަމަލާއެއް ކަމަށެވެ.
ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒުއާ ސުވާލުކުރުމުންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރާ ގުޅޭގޮތުން ހަބަރެއް ލިޔުމުންނެވެ. އެމްޑީޕީން ބުނީ މިއީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ނޫސްވެރިން އަދާކުރަންޖެހޭ އާންމު މަސްއޫލިއްޔަތުތަކެއް ކަމަށެވެ.
އެމްޑީޕީން ބުނީ އެ މައްސަލަ ކުރިއަށް ގެންދިއުމުގައި އަދުލުވެރި ޝަރީއަތެއްގެ އުސޫލުތަކާ ހިލާފުވެފައިވާތީ ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން، ދެ ނޫސްވެރިންނަށް ވެސް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދީފައިނުވާ ކަމަށާއި، ދިފާއު ތައްޔާރުކުރުމަށް ފުރުސަތު ނުދީ އަވަސް އަރުވާލައިގެން ހުކުމް އިއްވާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުވާ ފާޑުކިއުންތައް ހުއްޓުވުމަށާއި، ސަރުކާރުގެ އަމަލުތައް މޮނިޓާ ކުރާ މީޑިއާތަކުގެ އަޑުކަނޑުވާލުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމަށް އެ ޕާޓީން ފާހަގަކުރި އެވެ. ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވަމުންދާތީ، މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީން ވަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުތައް ހިމާޔަތްކޮށް، ވަގުތުން އެ ދެ ނޫސްވެރިން މިނިވަންކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފަ އެވެ.
450 މީހެއްގެ އަތުން ފްލެޓް އަތުލި ކަމަށް މުއްތަލިބު ވިދާޅުވެއްޖެ
އިންތިހާބުން ބަލިވުމުން އަލައިކާއަށް ސްޓޭޓް މިނިސްޓަރުކަން ދީފި
ގަސްގަހާގެހީގެ ކާނާއިން ހަނދާން ނެތޭ ބަލީގެ ނުރައްކާ ކުޑަވޭ!
