އަނބިކނަބަލުން ސާޖިދާ މުހައްމަދު އިނގިރޭސިވިލާތައް ވަޑައިގަންނަވަނީ މާކުރިން ހަމަޖެހިފައި އޮތް ދަތުރެއްގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ކައިރިން ވަރިވެ ސާޖިދާ އިނގިރޭސިވިލާތައް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ސޯޝަލް މީޑިއާގެ ބައެއް ފޭކް އެކައުންޓްކުގައި ވަނީ ލިޔެފަ އެވެ. އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކައެއް ދައްކާފައެއްނުވެ އެވެ.

ނަމަވެސް އެއީ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކައެއް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވަނީ މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ފާޑުވިދާޅުވެފަ އެވެ.

ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސާޖިދާގެ ދަތުރުފުޅަކީ މާކުރިން ދަރިކަނބަލުން ކައިރިޔަށް ޒިޔާރަތްކޮށްލެއްވުމަށް މީގެ ދޮޅުމަސް ކުރިން ހަމަޖެހިފައިވާ ދަތުރެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އުޅެނީ އެމަނިކުފާނާއި ސާޖިދާ ދުރުކުރުވަން ކަމަށެވެ.