ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ހަށިގަނޑަށް ފައިދާހުރި، ހަމަހަމަ ކާނާގެ ނިޒާމެއް ގެންގުޅުމަކީ ކޮންމެ އުމުރެއްގައިވެސް މުހިއްމު ކަމެކެވެ.
ނަމަވެސް، އުމުރުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށް އެންމެ ބޮޑަށް ބޭނުންވާ ނިއުޓްރިއެންޓްސް (މާއްދާތައް) ބަދަލުވަމުންދާ ކަމަށް މާހިރުން ވިދާޅުވެ އެވެ.
ބީބީސީ ފިއުޗާ ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، އުމުރުން ދުވަސްވަމުންދާ ވަރަކަށް ބައެއް ބާވަތްތަކުގެ ކާނާއިން ހަށިގަނޑަށް ލިއްބައިދޭ ފައިދާތަކާއި، ހަށިގަނޑަށް އެތަކެތި ބޭނުންވާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
އުމުރުން ދުވަސްވާއިރު ކާނާގެ ނިޒާމަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކަކީ ކޮބާ؟
1. ކެލަރީ ބޭނުންވާ މިންވަރު މަދުވެ ނިއުޓްރިއެންޓްސްގެ މުހިންމުކަން އިތުރުވުން
އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑުގެ މެޓަބޮލިޒަމް (ހަކަތަ އުފެއްދުން) ދަށްވެ، ދުވަހުން ދުވަހަށް ކުރާ ޖިސްމާނީ ހަރަކާތްތައް މަދުވެ އެވެ. މީގެ މާނައަކީ ހަށިގަނޑަށް ބޭނުންވާ ކެލަރީގެ މިންވަރު މަދު ވުމެވެ. ނަމަވެސް، ކެލަރީ މަދުން ބޭނުންވިޔަސް، ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސްގެ މިންވަރު މަދެއް ނުވެ އެވެ. އެހެންކަމުން، މަދު ކެލަރީއަކުން ގިނަ ފައިދާތައް ލިބޭ ފަދަ ތަރުކާރީ، މޭވާ، އަދި ހޯލް-ގްރެއިންސް ފަދަ ގުދުރަތީ ކާނާ ބޭނުންކުރުން މުހިއްމެވެ.
2. ކެލްސިއަމް އަދި ވިޓަމިން ޑީ
ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، އުމުރުން ދުވަސްވާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ދެ މާއްދާއަކީ ކެލްސިއަމް އާއި ވިޓަމިން ޑީ އެވެ.
- ކެލްސިއަމް: އުމުރުން ދުވަސްވުމުން ކަށިތައް ބަލިކަށިވެ ފީވުމުން ސަލާމަތްވުމަށްޓަކައި ކެލްސިއަމް ގިނައިން ބޭނުންވެ އެވެ.
- ވިޓަމިން ޑީ: ހަންގަނޑަށް އިރުގެ އަލިން ވިޓަމިން ޑީ އުފައްދައިދިނުމުގެ ގާބިލުކަން އުމުރުން ދުވަސްވުމުން ދަށްވެ އެވެ.
ވިޓަމިން ޑީ އަކީ ކެލްސިއަމް ހަށިގަނޑަށް ހަޖަމުކުރުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. އެހެންކަމުން ކަނޑުމަހުގެ ބާވަތްތަކާއި ބިހުގެ ރީނދޫބައި ފަދަ ތަކެތި ބޭނުންކުރުން ނުވަތަ ސަޕްލިމެންޓް ނެގުން މުހިއްމެވެ.
3. މަސްތަކުގެ ސިއްހަތަށް ޕްރޮޓީން
ޒުވާން އުމުރުގައި ނުވަތަ މެދުއުމުރުގައި ގިނައިން ޕްރޮޓީން ބޭނުންކުރުމުން އުމުރު ދިގުވުމަށް ހުރަސްއެޅޭ ކަމަށް ބައެއް ދިރާސާތަކުން ދެއްކި ނަމަވެސް، އުމުރުން 65 އަހަރުން މަތިވުމުން މިކަން މުޅިން ބަދަލުވެ އެވެ. އުމުރުން ދުވަސްވުމުން ހަށިގަނޑުގެ މަސްތައް ހީނަރުވުމަކީ ގުދުރަތީ ކަމެކެވެ.
ފެންވަރު ރަނގަޅު ޕްރޮޓީން (މަސް، ކުކުޅު، ބިސް، އަދި ތޮޅީގެ ބާވަތްތައް) ބޭނުންކުރުމުން މަސްތަކުގެ ބާރު ހިފެހެއްޓުމަށާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވެދެ އެވެ.
4. ވިޓަމިން ބީ12 ނަގައިގަތުން ދަށްވުން
ވިޓަމިން ބީ12 އަކީ ލޭގެ ރަތް ސެލްތައް އުފެއްދުމަށާއި ސިކުނޑީގެ ދިރުމަށް މުހިއްމު މާއްދާއެކެވެ. އުމުރުން 50 އަހަރުން މަތިވާއިރު، ބަނޑުގައި ހުންނަ އެސިޑްގެ މިންވަރު މަދުވުމުގެ ސަބަބުން، ކާނާގައި ހުންނަ ވިޓަމިން ބީ12 ހަށިގަނޑަށް ދަމައިގަތުމުގެ ގާބިލުކަން (10% އާއި 30% އާ ދެމެދުގެ މިންވަރަކަށް) ދަށްވެ އެވެ. އެހެންކަމުން، ބީ12 ހިމެނޭ ކާނާ ނުވަތަ ޑޮކްޓަރެއްގެ އިރުޝާދާއެކު ސަޕްލިމެންޓް ބޭނުންކުރުން މުހިއްމެވެ.
5. ހަޖަމުކުރުމުގެ ނިޒާމާއި ފައިބާ
އުމުރުން ދުވަސްވުމުން ހަޖަމުކުރުމުގެ ނިޒާމުގެ ހަރަކާތްތައް ލަސްވެ، ބަނޑުހައިވުމުގެ އިހުސާސް ކުޑަވުމާއި ބޮޑުކަމުދިއުމަށް އުނދަގޫވުން އާއްމުވެ އެވެ. ކާނާގައި ފައިބާ ގިނައިން ހިމެނުމަކީ (ތަރުކާރީ، މޭވާ، އަދި އޯޓްސް ފަދަ ތަކެތި) ހަޖަމުކުރުމުގެ ބަލިތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު އެހީ އެވެ.
6. ކަރުހިއްކުމުގެ އިޙްސާސް ކުޑަވުން
އުމުރުން ދުވަސްވުމުން ހަށިގަނޑަށް ފެން ބޭނުންވާކަން އަންގައިދޭ "ކަރުހިއްކުމުގެ ސިގްނަލް" ބަލިކަށިވެ އެވެ. މީގެ ސަބަބުން ގިނަ ދުވަސްވީ މީހުންނަށް ނޭނގި ހުއްޓާ ހަށިގަނޑުން ފެންމަދުވެ އެވެ. ކަރު ނުހިކުނަސް ގަވާއިދުން ފެނާއި ދިޔާތަކެތި ބުއިމުގެ އާދަ ހަރުލައްވަން ޖެހެ އެވެ.
އުމުރަށް އަންނަ ބަދަލުތަކާއެކު އަހަރެމެންގެ ކާތަށިތައް ބަދަލުކުރަން ޖެހެއެވެ. މަދު ކެލަރީއާއެކު ގިނަ ނިއުޓްރިއެންޓްސް ހިމެނޭ ކާނާ އިޚްތިޔާރު ކުރުމަކީ އުމުރުން ދުވަސްވާއިރުވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އޮތް އެންމެ ބޮޑު ސިއްރެވެ.
ދުވަހަކު ވެސް ފިލްމެއްގެ ސްކްރިޕްޓެއް ނުކިޔަން: ސަލްމާން
އދ އަށް ހުށަހެޅި ކަނޑުއޮޅީގެ ގަރާރު ރާއްޖެއިން ކޯސްޕޮންސާކޮށްފި
ތަފާތު ފަންނީ ކަންކަމުގައި އުޅޭނަމަ "މުސްކުޅިވުން" ލަސްވޭ: ދިރާސާ