ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވާހެން ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވި ނިންމެވުމަށް ފުރިހަމަ އެއްބާރުލުން ދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީނާއި މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައި އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި އެއްބަސްވުމަކަށް ވަޑައިގަތީ މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ގައުމުގެ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޑިމޮކްރަސީގެ ހަމަތައް ފޮހެވުމުންދާތީ ގައުމު އަލުން ހަމަމަގަށް އެޅުން ކަމަށް ތިން ރައީސުން ވިދާޅުވި އެވެ. އަދި ސަރުކާރުގެ ތެރޭ ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ހަވީރު އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، ތިން ރައީސުންގެ އެއްބަސްވުމަށް އެ ޕާޓީން ފުރިހަމަ އެއްބާރުލުން ދިނުމަށް ފާސްކުރަން ގަރާރެއް ހުށަހަޅުއްވާފަ އެވެ.

އެ ގަރާރުގައި ވަނީ ތިން ރައީސުން އިސްނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތުގައި އެ ޕާޓީ ބައިވެރިވުމަކީ ދިވެހި ރައްޔިތުންނާއި ގައުމަށް ފައިދާ ހުރި ގޮތް ކަމަށް ގަބޫލުކުރެވޭތީ، އެ ތިން ބޭފުޅުން އެއްބަސްވެވަޑައިގެން ނެރުއްވި ގުޅިގައިވާ ބަޔާން ބަލައިގަނެ، އެ ބަޔާނުގައިވާ މަސައްކަތްތައް ތަންފީޒުކުރުމަށް އެމްޑީޕީން އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމަށެވެ.

އެ ގަރާރަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވަނީ ތާއީދުކުރައްވައިފަ އެވެ.

އެއަށްފަހު، ގައުމީ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ގަރާރު ވަނީ ފާސްކޮށްފައެވެ.