އެޑަލްޓް ސްވިމް ޖޯންރާގެ މަޝްހޫރު އެނިމޭޓަޑް ސައިންސް-ފިކްޝަން ސީރީޒް "ރިކް އެންޑް މޯޓީ" ބޮޑު ސްކްރީނަށް ގެނައުމުގެ މަސައްކަތް ވޯނާ ބްރަދާސްއިން ރަސްމީކޮށް ފަށައިފި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ހާމަކޮށްފައިވާ ގޮތުގައި، މި ފިލްމު އުފެއްދުމުގެ އެންމެ ފުރަތަމަ މަރުހަލާ ތަކުގެ މަސައްކަތްތައް މިހާރު ހަލުވި ކަމާއެކު ކުރިއަށް އެބަދެ އެވެ.
"ރިކް އެންޑް މޯޓީ"ގެ ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ މި ސީރީޒްގެ ގިނަ އެޕިސޯޑުތަކެއް ޑައިރެކްޓްކޮށް، ސީޒަން 9 ގެ ސުޕަވައިޒިން ޑައިރެކްޓަރުގެ މަގާމު ފުރަމުން އަންނަ، މި ފްރެންޗައިޒްގެ ތަޖުރިބާކާރު މެމްބަރު ޖޭކޮބް ހެއާ އެވެ.
ސީރީޒްގެ ކޯ-ކްރިއޭޓަރު ޑެން ހާމަން ސިނަމާބްލެންޑްއަށް ދިން އިންޓަވިއުއެއްގައި ބުނީ،ފިލްމު ޑައިރެކްޓް ކުރާނެ އެހެން މީހަކު ހޯދަން އެމީހުން މަސައްކަތް ނުކުރާ ކަމަށެވެ. ސަބަބަކީ ޖޭކޮބް ހެއާއަކީ ސީޒަން 4 އިން ފެށިގެން މި ޝޯގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށްވާތީ އެވެ.
"އަހަރެންގެ ޚިޔާލަކީ ރިކް އެންޑް މޯޓީގެ އާންމު އެޑްވެންޗަރެއް ނަގައި، އޭގެ ޕްރޮޑަކްޝަނަށް ބޮޑު ބަޖެޓެއް ހޭދަކޮށްގެން 90 މިނެޓުގެ ދިގު ފިލްމެއް ހެދުން. ފިލްމެއްގެ ދަރަޖަ ހޯދުމަށްޓަކައި ވާހަކައިގެ ރާގު މާ ބޮޑަށް ބަދަލުކޮށް ސީރިއަސް ކުރުމުގެ ބަދަލުގައި، ބޭނުންވަނީ ހަމަ ސުޕަ 'ބޭޑްއޭސް' އެޕިސޯޑެއްގެ ގޮތުގައި މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން،" ހާމަން ބުންޏެވެ.
2013 ވަނަ އަހަރު ފެށި މި ސީރީޒަކީ ކޭބަލް ޓީވީގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ބަލާ އެއް ކޮމެޑީ ޝޯ އެވެ. މި ފިލްމުގެ ޚަބަރު އައިސްފައި މިވަނީ މި މޭ މަހުގެ 24 ގައި "ރިކް އެންޑް މޯޓީ" ގެ ސީޒަން 9 ޕްރިމިއާ ކުރަން ތައްޔާރު ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މިހާރުވެސް މި ސީރީޒް ވަނީ ސީޒަން 12 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފަ އެވެ.
މި އެނިމޭޓަޑް ފިލްމުގެ ވާހަކަ އަދި ސިނަމާތަކަށް އަންނާނެ ތާރީޚެއް ވޯނާ ބްރަދާސް އިން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް މިއީ މި ފްރެންޗައިޒްގެ ބޮޑު ކާމިޔާބީއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްގެ ގޮތުގައި ބެލެވެ އެވެ.
ލިމިޓެއްނެތް ފައިބާ ޕެކޭޖްތަކާއެކު ހޯމްކޮންޓެންޓް ތަކަފުލް ހިލޭ
ހަނގުރާމައިގައި އެމެރިކާގެ 42 މަތިންދާބޯޓު ގެއްލި ބޮޑު ގެއްލުމެއް
ހައްޖު 2026: މައްކާގެ ހޫނުމިން 47 ޑިގްރީގައި!