ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދަމުން އަންނަ ބޮލީވުޑްގެ ފިލްމު "ދުރަންދަރް: ދަ ރިވެންޖް"ގައި އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަސްކަރީ ސިއްރުތަކެއް ހާމަކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
އިންޑިއާގެ އަސްކަރީ ބާރެއް ކަމަށްވާ ސަޝަސްތުރަ ސީމާ ބަލްގެ މުވައްޒަފެއް އިންޑިއާގެ ވެރިރަށް ދިއްލީގެ ހައިކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ މި ފިލްމުގައި، އިންޑިއާގެ ސިފައިންނާއި ޖާސޫސީ އިދާރާތަކުން ހިންގާ އޮޕަރޭޝަންތަކުގެ އުޞޫލުތަކާއި، ޓެކްޓިކަލް އިޖުރާއަތްތައް ވަރަށް ތަފްޞީލުކޮށް ދައްކުވައި ދީފައިވާ ކަމަށެވެ.
މިއީ ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ހާމަކޮށްފައިވާ މަޢުލޫމާތުތަކެއް ކަމަށާއި، މީގެ ސަބަބުން ސިއްރު އެޖެންޓުންގެ ފުރާނައަށް ނުރައްކާވެ، ދޭތެރެ ޖައްސާ ބޭރުގެ ޖަމާޢަތްތަކަށް އިންޑިއާގެ ސިފައިންގެ މަސައްކަތްތައް ދެނެގަންނަން ފަސޭހަ ވެގެންދާނެ ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.
މި ޕެޓިޝަނާއެކު އެ މައްސަލަ އިތުރަށް ބަލައި އުސޫލުތައް ކަނޑައެޅުމަށް ދިއްލީގެ ހައިކޯޓުން ވަނީ އިންޑިއާގެ މަރުކަޒީ ސަރުކާރަށާއި ސެންސަރު ބޯޑަށް އަމުރު ނެރެފަ އެވެ.
އެ އަމުރުގައި ބުނެފައިވަނީ ފިލްމަކީ މުނިފޫހިފިލުވުމަށް ހަދާފައިވާ ޚިޔާލީ (ފިކްޝަން) އެއްޗަކަށް ވީނަމަވެސް، އެއިން ޤައުމީ ސަލާމަތަށް ކޮށްފާނެ އަސަރުތަކަށް ވިސްނަން ޖެހޭނެ ކަމަށެވެ.
އެއާއެކު އަސްކަރީ ޓެކްޓިކްސްތަކާއި ސިއްރުތައް ފިލްމުތަކުގައި ދެއްކުމާ ގުޅޭގޮތުން ސެންސަރު ބޯޑުން ވަކި އުޞޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ކޯޓުން ފާހަގަކުރި އެވެ.
މި ފިލްމަކީ ޑައިރެކްޓަރު އަދިތްޔާ ދާރް އުފައްދާފައިވާ "ދުރަންދަރު" ފްރެންޗައިޒްގެ ދެވަނަ ބައެވެ. މި ފިލްމުގެ ފުރަތަމަ ބަޔަށް ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، ދެވަނަ ބައި "ދުރަންދަރު: ދަ ރިވެންޖް" އަށް ވެސް މިހާތަނަށް ދުނިޔޭގެ ބާޒާރުން 1،800 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޖެންޑާ މިނިސްޓްރީ މުވައްޒަފުންނަށް މުސާރަ ލިބޭނީ އީދަށް ފަހު
އީރާން މަޝްވަރާތައް އަވަސްކުރަން ޕާކިސްތާނުން މަސައްކަތް ފަށައިފި
"ގްރޭސް އެނެޓޮމީ"ގެ ސްޕިން އޮފް އެއް ނެރެނީ!