ދުނިޔޭގެ އެންމެ މަޤުބޫލު އެއް މެޑިކަލް ޑްރާމާ ސީރީޒް ކަމަށްވާ "ގްރޭސް އެނަޓޮމީ"ގެ އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމަށް އޭބީސީ ނެޓްވޯކުން ރަސްމީކޮށް ނިންމައި، އެކަން އިޢުލާންކޮށްފި އެވެ. މިއީ މި ފްރެންޗައިޒްގެ ހަތަރުވަނަ ސީރީޒް އެވެ.

މި ފަހަރުގެ ސީރީޒް ބިނާކޮށްފައިވަނީ ކުރީގެ ސީރީޒްތަކާ މުޅިން ތަފާތު މާޙައުލަކަށެވެ. މީގެ ކުރިން ސިއެޓްލް ފަދަ ބޮޑެތި ސިޓީތަކުގައި ސީރީޒްތައް ބިނާ ކޮށްފައިވީ ނަމަވެސް، މި އާ ޝޯ ފެނިގެންދާނީ އެމެރިކާގެ ޓެކްސަސްގެ ރަށްފުށުގެ ހިސާބެއްގަ އެވެ.

ވާހަކަ

މިހާތަނަށް ވަކި ނަމެއް ދެވިފައިނުވާ މި ސީރީޒްގެ ރަސްމީ ލޮގް ލައިންގައި ވާ ގޮތުން، މި ޝޯ ބިނާވެގެންދާނީ ވެސްޓް ޓެކްސަސްގެ ރަށްފުށުގެ މެޑިކަލް ސެންޓަރެއްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުންގެ މައްޗަށެވެ.

މިއީ "އެތައް މޭލެއްގެ ދުރުމިނުގައި އެއްވެސް ޞިއްޙީ ފަރުވާއެއް ލިބެންނެތް ފަޅު ސަރަޙައްދެއްގައި، ބަލިމީހުންނަށް ފަރުވާ ހޯދަން އޮތް އެންމެ ފަހުގެ އުންމީދެވެ."

މި ސީރީޒްގައި ރަށްފުށުގެ ޞިއްޙީ ނިޒާމަށް ދިމާވާ ގޮންޖެހުންތަކާއި، ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން ކުރަންޖެހޭ މަސައްކަތް ތަކުގެ އިތުރުން ސްޓާފުންގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ފެނިގެންދާނެ އެވެ.

ކާސްޓް

މި ސީރީޒްގެ އެންމެ ޚާއްޞަ އެއް ކަމަކީ، މިއީ "ގްރޭސް އެނަޓޮމީ" ގެ މައިގަނޑު ކެރެކްޓާއެއްގެ މައްޗަށް ބިނާނުކޮށް، މުޅިން އާ ކެރެކްޓާ ތަކަކާއެކު ފަށާ ފުރަތަމަ ސްޕިން-އޮފްއަށް ވުމެވެ.

މީގެ ކުރިން އައި "ޕްރައިވެޓް ޕްރެކްޓިސް" އަދި "ސްޓޭޝަން 19" ބިނާވީ އޮރިޖިނަލް ޝޯގެ ކެރެކްޓާ ތަކަށެވެ. ނަމަވެސް، މި ޝޯއަށް މުޅިން އާ އެކްޓަރުން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ގްރޭސް އެނަޓޮމީގެ ބައެއް ކުރީގެ ތަރިން މި ޝޯއިން މެހެމާނުންގެ ގޮތުގައި ފެނުމުގެ ފުރުޞަތު އެބަ އޮތެވެ.

ޕްރޮޑަކްޝަން ޓީމް

މި ޝޯ ކޯ-ކްރިއޭޓްކޮށް ލިޔަނީ ގްރޭސް އެނަޓޮމީގެ މޭސްތިރި ޝޮންޑާ ރައިމްސްއާއި މިހާރުގެ ޝޯރަނާ މެގް މެރިނިސް އެވެ. މެރިނިސްއަކީ ޓެކްސަސްއަށް އުފަން މީހަކަށް ވުމުން، އޭނާގެ އަމިއް ލަސްޓޭޓުގެ ޖަޒުބާތާއި ދިރިއުޅުން މި ސީރީޒްއިން ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ކަމަށް ބުނެފައިވެ އެވެ. މީ

ގެ އިތުރުން، ގްރޭސް އެނަޓޮމީގެ މައިގަނޑު ތަރި އެލެން ޕޮމްޕެއޯ (މެރެޑިތް ގްރޭ) ވެސް މި ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވެ އެވެ.

ރިލީޒްކުރާނެ ތާރީޚާއި ޓްރެއިލާ

މި ސީރީޒް ރަސްމީކޮށް ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ 2026-2027 ގެ ބްރޯޑްކާސްޓް ސީޒަނުގެ މެދު ތެރެއިންނެވެ. އެއީ 2027 ގެ ކުރީކޮޅެވެ. ޝޯގެ މަސައްކަތް އަދި ކާސްޓިންގ މަރުޙަލާގައި އޮތުމުން، މިހާތަނަށް އެއްވެސް ރަސްމީ ޓްރެއިލާއެއް ނުވަތަ ޓީޒަރެއް ނެރެފައެއް ނުވެ އެވެ. އުންމީދު ކުރެވެނީ 2026ގެ ފަހުކޮޅު ފުރަތަމަ ޓީޒާ ފެންނާނެ ކަމަށެވެ.

މި އާ ޕްރޮޖެކްޓްގެ ޚަބަރު އައިސްފައި މިވަނީ، "ގްރޭސް އެނަޓޮމީ"ގެ 23 ވަނަ ސީޒަން ވެސް އުފެއްދުމަށް އޭބީސީން ބާރު އަޅާފައިވާ ދަނޑިވަޅެއްގަ އެވެ.