މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް މައިލީ ސައިރަސްގެ މިއުޒިކީ ޚިދުމަތް ތަކުގެ އަގު ވަޒަންކޮށް، ހޮލީވުޑް ވޯކް އޮފް ފޭމްއިން އޭނާއަށް ޚާއްސަ ތަރިއެއް އަރުވައިފި އެވެ.
ހޮލީވުޑް ބުލެވާޑްގައި ހުކުރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މައިލީއަށް ދީފައިވަނީ ވޯކް އޮފް ފޭމްގެ 2،845 ވަނަ ތަރި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މައިލީ ވަނީ އޭނާގެ ޝުއޫރުތައް ހިއްސާ ކޮށްފަ އެވެ.
"މި ތަރިއަކީ މޫސުމީ ކުޅިވަރަކުން މޮޅުވެގެން ލިބޭ އެއްޗެއް ނޫން. މިއީ ތަށި ބަރިއެއްހެން ހިފައިގެން ހިނގާނެ އެއްޗެއް ވެސް ނޫން. މިއީ އަހަރެންގެ ފޭނުންނާއި އަހަރެންގެ މަސައްކަތަށް ކުރެވުނު މިންނެތް ބުރަ މަސައްކަތުގެ ނަތީޖާ،" މައިލީ ބުންޏެވެ.
މީގެ 20 އަހަރު ކުރިން ޑިޒްނީ ޗެނަލްގެ މަގްބޫލު ސީރީޒް "ހަނާ މޮންޓާނާ" އިން މަޝްހޫރުކަން ހޯދި މައިލީ، މިހާރު ވެފައިވަނީ ދުނިޔޭގައި އެންމެ ގިނައިން އަލްބަމް ވިކިފައިވާ އަންހެން އާޓިސްޓުންގެ ތެރެއިން އެކަކަށެވެ.
އޭނާ ވަނީ ޕޮޕް، ރޮކް، ކަންޓްރީ އަދި ސޯލް މިއުޒިކް އެކުލެވޭ ގިނަ ލަވަތަކެއް ނެރެފަ އެވެ. ޚާއްސަކޮށް 2024 ވަނަ އަހަރު އޭނާގެ "ފްލާވާސް" ލަވައަށް ގްރެމީ އެވޯޑް ލިބިފައިވާއިރު، 2025 ވަނަ އަހަރު ބިޔޯންސޭއާއެކު ކިޔާފައިވާ "މޯސްޓް ވޯންޓެޑް" ލަވައަށްވެސް ވަނީ ގްރެމީ އެވޯޑެއް ލިބިފަ އެވެ.
މި ރަސްމިއްޔާތުގައި މައިލީ ބައިވެރިވީ މަޝްހޫރު ފެޝަން ޑިޒައިނަރު ޑޮނަޓެއްލާ ވާސާޗޭ ހާއްސަކޮށް އޭނާއަށް ފަރުމާ ކޮށްދިން ކަޅު ކުލައިގެ ހެދުމެއްގަ އެވެ.
މައިލީއަށް ސަޕޯޓް ކުރުމަށް އޭނާގެ މަންމަ ޓިޝް ސައިރަސް، ކޮއްކޮ ބްރޭންޑީ ސައިރަސް، އަދި އޭނާގެ ލޯބިވެރިޔާ މެކްސް މޮރާންޑޯ ވެސް މި ހަފްލާގައި ބައިވެރިވި އެވެ. މީގެ އިތުރުން މައިލީގެ ގާތް އެކުވެރިޔާ އަދި އެކްޓްރެސް އަނާ ޓޭލާ ޖޯއީ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވާހަކަދެއް ކިއެވެ.
ހޮލީވުޑް ވޯކް އޮފް ފޭމްގެ ޕްރޮޑިއުސަރު އަނާ މާޓީނޭޒް ބުނި ގޮތުގައި މައިލީއަކީ މިއުޒިކީ ދާއިރާއަށް ބޮޑު ނުފޫޒެއް ފޯރުވާފައިވާ އަދި އެތައް ޖީލެއްގެ އަންހެން ކުދިންނަށް އޭނާގެ އުފެއްދުންތެރިކަމުން ހިތްވަރު ދެމުންދާ ނަމޫނާ އެކްޓަރެކެވެ.
ޖަމީލްގެ ރައްދު: ފައިސާ ފަހަތުން ޝުޖާއު ދުވާކަން ރިޕޯޓުން ހާމަވޭ
ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު އަންނަ މަހު 15އަށް
މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްއަށް ދުނިޔޭގެ ރެކޯޑެއް!