މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން އޭނާގެ އާ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ ޓްރެއިލާ ނެރުމަށް ބޭއްވި ހަފުލާގައި، އޭނާގެ ދަރިފުޅު އަދި އެކްޓަރު ވަރުން ދަވަންއަށް ތައުރީފުގެ ބަސްތައް ބަންޑުން ކޮށްލައިފި އެވެ.

މުމްބާއީގައި ބޭއްވި މި ހަފުލާގައި ފިލްމުގެ މައިގަނޑު ތަރިން ކަމަށްވާ ވަރުން ދަވަން، މުރްނާލް ތާކުރް އަދި ޕޫޖާ ހެގްޅޭ ވެސް ބައިވެރިވި އެވެ.

މީޑިއާތަކާ ވާހަކަދައްކަމުން ޑޭވިޑް ދަވަން ބުނީ ވަރުން އަކީ ހަމައެކަނި މޮޅު އެކްޓަރެއް ނޫން ކަމަށާއި، އޭނާއަކީ ނަމޫނާ ދަރިއެއް ކަމަށެވެ.

ހާއްސަކޮށް 2022 ވަނަ އަހަރު ޑޭވިޑް ދަވަންގެ ހަކުރު ބަލީގެ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރި ދުވަސްވަރު ވަރުން އޭނާގެ ކައިރީގައި ހޭދަކުރި ހަނދާންތައް ޑޭވިޑް އާކުރި އެވެ.

"އޭނާ އަބަދުވެސް އަހަރެންގެ ސިއްހަތަށް ވަރަށް ބަލާ. އަހަރެން ހޮސްޕިޓަލުގައި އޮތްއިރު، ވަރުން ނިދީވެސް އަހަރެންގެ ކައިރީގައި ހޮސްޕިޓަލުގައި. ބަފަޔަކު މިއަށްވުރެ އިތުރަށް އެދޭނީ ކޮން ކަމަކަށް؟" ރޮމުން ޑޭވިޑް ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ކޮންމެ ބަފަޔަކަށްވެސް ވަރުން ކަހަލަ ހިތްހެޔޮ އަދި އަޅާލާ ދަރިއަކު ލިބުމަކީ ނަސީބެކެވެ.

ޑޭވިޑް ރޯން ފެށުމުން، ވަރުން ވެސް ދެރަވެ، ބައްޕަގެ ގާތަށް ގޮސް ބައްޕަ މަސަލަސް ކުރުވައި، ކޮލަށް ބޮސްދީ ހިތްވަރު ދީފައިވެ އެވެ.

މި ހަފުލާގައި ވަރުން ދަވަން ވެސް ވަނީ އުމުރުން 74 އަހަރުގައި އޭނާގެ ބައްޕަ އަލުން ފިލްމީ ދާއިރާއަށް އެނބުރި އައުމުން އެކަމާ އުފާކުރާ ކަން ހާމަކޮށްފަ އެވެ. ވަރުން ބުނި ގޮތުގައި ދަވަން އާއިލާގެ އަބަދުގެވެސް މަގްސަދަކީ ސިނަމާގެ ޒަރީއާއިން މީހުން ހެއްވުމެވެ.

"ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އަކީ ޑޭވިޑް ދަވަން އާއި ވަރުން ދަވަން އެކުގައި މަސައްކަތްކުރާ ހަތަރުވަނަ ފިލްމެވެ. މީގެ ކުރިން މި ދެބަފައިން ވަނީ "މޭ ތޭރާ ހީރޯ"، "ޖުޅުވާ 2" އަދި "ކޫލީ ނަމްބަރު 1" ގައި އެކުގަ މަސައްކަތް ކޮށްފަ އެވެ.

މި ފިލްމަކީ ލޯބީގެ އޮޅުންބޮޅުންތަކާއި މަޖާ ކަންތައްތަކެއް ފެނިގެންދާނެ ފެމިލީ އެންޓަޓެއިނަރެކެވެ. ފިލްމުގެ ޓްރެއިލާއިން ފެންނަ ގޮތުގައި ވަރުންގެ ކެރެކްޓާ ބަނޑުބޮޑުވާ ދެ އަންހެނުން (މުރްނާލް އަދި ޕޫޖާ) ގެ މެދުގައި ތާށިވެ، ބޮޑު ސަކަރާތެއްގެ ތެރެއަށް ވެއްޓެ އެވެ.

ޓިޕްސް ފިލްމްސް އިން އުފައްދާ މި ފިލްމުގައި ރާކޭޝް ބޭދީ، ޗަންކީ ޕާންޑޭ، ޖިމީ ޝޭރްގިލް، އަދި މޯނީ ރޯއި ފަދަ ތަރިންވެސް މުހިއްމު ބައިތަކުން ފެންނާނެ އެވެ. ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހު އެވެ.