ފާޑުކިޔުންތައް ބޮޑުވުމާއެކު އޮސްޓްރޭލިއާ އާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުތައް އަލުން ފެށުމަށް އޮސްޓްރޭލިއާގެ ސަރުކާރުން ނިންމައިފި އެވެ.

އެ ގައުމުގެ މި ނިންމުމަކީ އިންޑިއާއިން އޮސްޓްރޭލިއާއަށް ދަތުރުކުރާ މީހުންނަށް ޖަލު ހުކުމެއް އަންނާނެ ކަމަށް ސަރުކާރުން އިއުލާން ކުރިތާ ހަފުތާއެއް ފަހުން ނިންމި ނިންމުމެކެވެ.

ފާޑުކިޔުން އަމާޒުވެފައިވާ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ އެންމެ ފުރަތަމަ ގައުމަށް އެނބުރި ގެންނާނީ އިންޑިއާގައި ތާށިވެފައި ތިބި އެ ގައުމުގެ ހައި ރިސްކު ރައްޔިތުން ކަމަށެވެ. މިފަދަ މީހުންގެ ގޮތުގައި 9،000 އަށްވުރެ ގިނަ މީހުން އޮސްޓްރޭލިއާ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ މެއި މަހުގެ ފަހުކޮޅު އޮސްޓްރޭލިއާގެ ރައްޔިތުން އެނބުރި ގައުމަށް ގެނައުމަށް ތިން އިވެކުއޭޝަން ފްލައިޓް އިންޑިއާއަށް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާއެކު ވެސް ގިނަ ބަޔަކު ވަނީ ޖާގަ ލިބުމުގެ ދަތިކަމާއި ދަތުރުގެ ޓިކެޓު އަގުބޮޑުވުމުގެ ސަބަބުން އޮސްޓްރޭލިއާއަށް ދިއުމަށް އޮތް ފުރުސަތު ހަނި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަރުކާރުން ރާވައިގެން އޮޕަރޭޓްކުރާ އިވެކުއޭޝަން ފްލައިޓްތައް ފެށުނު ނަމަވެސް ދެ ގައުމުގެ ދެމެދުގައި ކޮމާޝަލް ފްލައިޓްތައް އަލުން ފަށާނެކަން ނުވަތަ ނޫންކަން ނިންމާނީ ފެށޭ ހަފްތާގައި ބާއްވާ މަޝްވަރާތަކަށްފަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޮސްޓްރޭލިއާއަކީ އެގައުމުގެ ބޯޑަރު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ސިޔާސަތުތަކާއެކު ދުނިޔޭގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެކެވެ.