ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހަމަލާދޭން ގޮވާލި މީހެއްގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް އިން ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

ޕީޕީއެމް، ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް އެކައުންޓްގައި ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދީ، ގޮއްވާލުމަށް ގޮވާލައި ލިޔެ ޝާއިއުކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ.

އެފަދަ ނުރައްކާތެރި އަމަލު ހިންގުމަށް ގޮވާލާ، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި އެފަދަ ފަރާތްތައް މުޖުތަމައު ތެރެއަށް ދޫވެފައި ތިބުމަކީ ގައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވެގެން ހިންގައިދާނެ ކަމެއް ކަމުގައި ވެސް އެ ބަޔާނުގައިވެ އެވެ.

"މިފަދަ ނުރައްކާތެރި ޓެރަރިސްޓް ޢަމަލުތައް ހިންގުމަށް ގޮވާލާ ފަރާތްތަކުން އެކަން ކުރަނީ ކޮންމެ ފަދަ މަގްސަދެއްގައި ކަމުގައިވީނަމަވެސް، އެފަދަ މައްސަލަތަކަކީ ކުދި ކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެނަމަ، އެފަދަ ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ލިބި އެފަދަ ނުރައްކާތެރި އަމަލުތައް ރާއްޖޭގައި ހިންގުމުގެ ފުރުސަތު އިތުރުވެގެންދިއުމަކީވެސް އެކަށީގެން ވާ ކަމެއް،" ޕީޕީއެމް، ޕީއެންސީގެ ބަޔާނުގައިވެ އެވެ.

ޕީޕީއެެމް އިން އެދިފައި ވަނީ ރައީސް ޔާމީނަށް އިންޒާރުދިން މީހާ ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވެސް ޕީޕީއެމް އިން ވަނީ އެދިފަ އެވެ.