މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި އަހަރު ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
ކުރިން މި އެކްސްޕޯގައި ބައިވެރިވުމަށް ދީފައިވާ ޑެޑްލައިން އަކީ މިމަހުގެ 1 ވަނަދުވަހު އެވެ.
އެމްއެމްއޭއިން ބުނިގޮތުގައި މި އެކްސްޕޯގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިއީ އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ މުވައްސަސާތަކާއި އިދާރާތަކަށް ރަޖިސްޓްރީވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިއީ މާލީ ދާއިރާއަށް އާންމުން ހޭލުންތެރި ކުރުވުމަށާއި، މާލީ ހިދުމަތްދޭ ފަރާތްތަކާ އެއްތަނަކުން ބައްދަލުކޮށް، އެ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމަށް އެމްއެމްއޭ އިން އިންތިޒާމުކުރާ ހަރަކާތެކެވެ.
މި އެކްސްޕޯއަކީ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ އެހެނިހެން އިދާރާތަކަށް އެ ފަރާތްތަކުގެ ހިދުމަތްތައް ދައްކާލުމަށާއި ކަސްޓަމަރުންނާ ސީދާ ބައްދަލުކޮށް މައުލޫމާތު ބަދަލުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
އެމްއެމްއޭ އިން މީގެ ކުރިން 2015 އަދި 2017 ވަނަ އަހަރު ވެސް ފައިނޭންޝަލް އެކްސްޕޯ ބާއްވާފައިވާއިރު، އެ ދެ އަހަރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް މި ހަރަކާތަށް ލިބިފައިވެ އެވެ. މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ މުއައްސަސާތަކުން އާ ހިދުމަތްތަކާއި މުހިންމު އެތައް ކަމެއް ތައާރަފުކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެމްއޭ އިން ފާހަގަކުރި އެވެ.
އެކްސްޕޯގެ އިތުރުން މާލީ އިދާރާތަކުން ދޭ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްއެމްއޭ އިން ވަނީ މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރު އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފް ކުރުމަށް ވެސް ނިންމަވާފަ އެވެ. އަދި މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފަ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މި އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން [email protected] އަށް މިއެވޯޑަށް އެދި ހުށަހަޅާ ސީވީއާއި ލިޔެކިޔުންތައް ހުށަހެޅޭނެ އެވެ. އަދި މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދޭ އެވޯޑެއް ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.
އެމްއެމްއޭއިން ބުނިގޮތުގައި މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސްގައި ޖުމްލަ 7 އެވޯޑު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ، މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއިން ޚާއްސަ އަހައްމިއްޔަތުކަންދޭ ދާއިރާތައް ކަމަށްވާ މާލީ ބައިވެރިވުން އިތުރު ކުރުމާއި، މާލީ ހޭލުންތެރިކަން އިތުރު ކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް އިތުރު ކުރުމުގެ އިތުރުން ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުންނެވެ.
އެމްއެމްއޭގެ އަމާޒަކީ، މި އެވޯޑުގެ ސަބަބުން މާލީ ޚިދުމަތްތައް ދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ޚިދުމަތްތަކެއް ދިނުމަށް ބާރުއެޅުމެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
މި އެވޯޑް ދިނުން އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް އެމެއެމްއޭއިން ބުނެ އެވެ.
އަހާންއާއި އަނީތު އަލުން އެކުގައި ބޮޑު ސްކްރީނަށް!
ހާމަނާއީ އާ ބައްދަލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ފިލްމު ޖަމިއްޔާއަށް ރަންވީރު ގާނޫނީ ނޯޓިސް ފޮނުވައިފި