އިއްޔެ ފާހަގަކުރި ދުނިޔޭގެ ސިކުނޑީގެ ޓިއުމަރު ދުވަހާ ދިމާކޮށް، ސިއްހީ މާހިރުން ވަނީ އާންމު ދިރިއުޅުމުގައި ދިމާވާ ސްޓްރެސް ނުވަތަ މާބޮޑަށް ފިކުރު ބޮޑުވުމުގެ އަލާމާތްތަކާ ވަރަށް އެއްގޮތް، ނަމަވެސް ސިކުނޑީގެ ޓިއުމަރެއްގެ ފުރަތަމަކޮޅުގެ ނިޝާންތަކަކަށް ވެދާނެ 7 އަލާމާތެއް ހާމަ ކުރައްވާފަ އެވެ. ގިނަ ފަހަރަށް މިއީ އާންމު ކަމެއް ކަމަށް ހީކޮށް އަޅާނުލައި ދޫކޮށްލެވޭ ކަންކަމެވެ.
ސިކުނޑީގައި އުފެދޭ ޓިއުމަރަކީ ސިކުނޑީގެ ވަކި ހިސާބެއްގައި ހުންނަ ސެލްތައް އާދަޔާ ހިލާފަށް އިތުރުވެ، ގަނޑު ވުމެވެ. މީގެ ސަބަބުން ސިކުނޑީގެ އެކި ބައިތަކަށް ފިއްތުންތައް ކުރިމަތިވެ އެވެ.
ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، ސްޓްރެސްއާ އޮޅޭ ފަދަ ނުރައްކާތެރި 7 އަލާމާތަކީ
ފިލައިގެން ނުދާ ބޮލުގެ ރިހުން
މިއީ އެންމެ އާންމު އަލާމާތެވެ. ސްޓްރެސްގެ ސަބަބުން ވެސް ބޮލުގައި ރިއްސި ނަމަވެސް، ޓިއުމަރުގެ ސަބަބުން ވާ ތަދަކީ ހެނދުނު ހޭލާއިރު މާ ބޮޑަށް ރިއްސުން، ކެއްސާއިރު ނުވަތަ ގުދު ވާއިރު ތަދު ބޮޑުވުން، އަދި ދުވަހުން ދުވަހަށް ތަދު ގޯސްވަމުން ދިއުމެވެ.
މޫޑަށް ކުއްލި ބަދަލުތައް އައުން
މީހާގެ މިޒާޖަށް ނުވަތަ މޫޑަށް ކުއްލިއަކަށް ބަދަލުއައުމަކީ މަސައްކަތުގެ ބުރަކަމުން ވާ ގޮތެއް ކަމަށް ހީވެދާނެ އެވެ. ނަމަވެސް ސިކުނޑީގެ ވިސްނުމާއި އިހުސާސްތައް ކޮންޓްރޯލްކުރާ ބަޔަށް ޓިއުމަރުގެ އަސަރުކު ރުމުން މިފަދަ ބަދަލުތައް އާދެ އެވެ.
ގަވާއިދުން ބޯ އެނބުރުން ނުވަތަ ހަށިގަނޑުގެ ބެލެންސް ގެއްލުން
ހިނގާއިރު އެއް ފަރާތަކަށް އަރި އަޅާގޮތްވުން ނުވަތަ ކުއްލިއަކަށް ބޯއެނބުރުމަކީ ވަރުބަލިވުމުން ވާކަމެއް ކަމަށް ހީކުރެވިދާނެއެވެ. އެކަމަކު މިއީ ސިކުނޑީގެ ހަރަކާތްތައް ކޮންޓްރޯލްކުރާ ބަޔަށް ޕްރެޝަރު ބޮޑުވުމުގެ އަލާމާތެކެވެ.
ލޮލުގެ ފެނުމަށް ބަދަލު އައުން
ފުސްކޮށް ފެނުން، އެކެއްގެ ބަދަލުގައި ދޭއް ފެނުން ނުވަތަ އެއް ފަރާތުން ފެންނަ ދާއިރާ ހަނިވުން ހިމެނެ އެވެ. މިއީ ގިނަ ފަހަރަށް ސްކްރީންތަކަށް ބަލާތީ ވާ ގޮތެއް ކަމަށް ނިންމާލެވެ އެވެ.
ވާހަކަ ދެއްކުމަށާއި ބަސްތައް ހަނދާން ކުރަން އުނދަގޫވުން
ވާހަކަދައްކާއިރު ބޭނުންކުރަންވީ ލަފުޒު ހަނދާންނެތުން ނުވަތަ ދައްކާ ވާހަކަ އަޅައިގަތުމަކީ ސްޓްރެސްގެ ސަބަބުން "ބްރެއިން ފޮގް"އެއް ކަމަށް ހީވެދާނެ އެވެ. ނަމަވެސް މިއީ ޓިއުމަރެއްގެ ސަބަބުން ބަސްކޮށާރުގެ ސެންޓަރަށް އަސަރު ކުރުމުން ވާ ގޮތެކެވެ.
ކަންފަތުން އަޑު ގޮވުން
ކަންފަތް އެތެރެއިން ކެނޑުމެއް ނެތި އަޑެއް އިވުމަކީ ލޭގެ ޕްރެޝަރު ނުވަތަ ސްޓްރެސްއާ ގުޅުވޭ ކަމެކެވެ. އެކަމަކު އަޑު އިވުމުގެ ނާރަށް ޓިއުމަރަކުން ފިއްތަމުންދާ ނަމަ ވެސް މިހެން ދިމާވެ އެވެ.
އަތްފައިގެ ބާރު ދެރަވުން ނުވަތަ އައްސިވުން
ހަށިގަނޑުގެ އެއް ފަރާތެއްގެ އަތް ނުވަތަ ފައި ކުއްލިއަކަށް އައްސިވުން ނުވަތަ ތަކެތި ހިފަހައްޓަން އުނދަގޫވުމަކީ ނާރެއް ފިތުނީ ކަމަށް ހީ ކުރެވިދާނެ އެވެ. ނަމަވެސް މިއީ ސިކުނޑިން މަސްތަކަށް ފޮނުވާ ސިގްނަލްތަކަށް ހުރަސްއެޅުމުން ދިމާވާ ކަމެކެވެ.
މީގެ ތެރެއިން އަލާމާތެއް ފެންނަ ކޮންމެ ފަހަރަކީ ޓިއުމަރަކަށް ވުން ލާޒިމެއް ނޫނެވެ. ނަމަވެސް މިފަދަ އަލާމާތްތައް ދުވަސްތަކަކަށް ދެމިގެންދާ ނަމަ، ނުވަތަ އަރާމު ކުރުމުން ވެސް ރަނގަޅުނުވާ ނަމަ، އެންމެ ރައްކާތެރި ގޮތަކީ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ސިކުނޑީގެ އެމް.އާރް.އައި އެއް ހެދުމެވެ. ކުރިއާލާ ބަލި ދެނެގަނެވިއްޖެ ނަމަ ފަރުވާ ކުރުމުގެ ފުރުސަތު ބޮޑުވެ އެވެ.
އިސްރާއީލުން ދިން ހަމަލާތަކާއެކު ތެލުގެ އަގު އުފުލިއްޖެ
ހަ އަހަރަށްފަހު އެރިއާނާގެ ފުރަތަމަ ކޮންސެޓް ޓުއާ ފަށައިފި