ޔާޝް ރާޖް ފިލްމްސްގެ މަޝްހޫރު 'ސްޕައި ޔުނިވާސް' (ޖާސޫސީ ފިލްމުތަކުގެ ސިލްސިލާ)އަށް ނިސްބަތްވާ އެންމެ އާ ފިލްމު "އަލްފާ"ގެ ފުރަތަމަ ޓީޒާ ބުދަ ދުވަހު އާއްމު ކޮށްފި އެވެ. މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ އާލިއާ ބަޓް އަދި ބޮބީ ޑިއޯލް އެވެ.
ޓީޒާއިން ފެންނަ ގޮތުގައި، މި ފިލްމަކީ އިންޑިއާގެ ސިއްރު އެޖެންސީއެއްގެ އާ ޖާސޫސެއްގެ ހަގީގަތް ބުނެދޭ "އޮރިޖިނަލް" ސްޓޯރީ އެކެވެ.
ޓީޒާއިން ފެނިގެންދިޔަ މުހިންމު ބައިތައް
ޓީޒާ ފެށެނީ ވަރަށް އާދައިގެ، ހިތްގައިމު ދެ ބަފައިންގެ ރޭގަނޑުގެ ކެއުމެއްގެ މަންޒަރަކުންނެވެ. ނަމަވެސް، އެ މަޑުމައިތިރިކަން ކުއްލިއަކަށް ބަދަލު ވެގެންދަނީ އާލިއާގެ ބައްޕަގެ ރޯލުން ފެންނަ ބޮބީ ޑިއޯލް އޭނާގެ ދަރިފުޅުގެ އަތަށް ކޮޓަރިއެއްގެ ތަޅުދަނޑި ހަވާލުކުރާ ހިސާބުންނެވެ.
އާލިއާގެ 18 ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން، ބޮބީ އޭނާއަށް ހަވާލު ކުރަނީ އޭނާގެ ފުރަތަމަ ނުރައްކާތެރި މިޝަން ނުވަތަ މަސައްކަތެވެ. އުފަން ދުވަހުގެ ހާއްސަ ކެއުމެއް ބޮބީ ރާވާފައިވާނެ ކަމަށް އުއްމީދު ކޮށްގެން ހުރި އާލިއާ މާޔޫސްވުމުން، މިއީ އޭނާ މުޅި އުމުރު ދުވަހު ތަމްރީނުވީ ކަންތައް ކަމަށް ބައްޕަ ހަނދާން ކޮށްދެ އެވެ.
ޓީޒާއިން އިތުރަށް ފެންނަނީ ކުޑަކުޑަ ކުއްޖެއްގެ ގޮތުގައި ހުރީއްސުރެ ބޮބީ،އާލިއާއަށް ހަރުކަށި އަސްކަރީ ތަމްރީނުތައް ދޭ މަންޒަރެވެ. އިންޑިއާގެ ކުރިއަށް އޮތް ޖީލުގެ ހަނގުރާމަވެރިން އުފެއްދުމަށް ހިންގާ ސިއްރު ޕްރޮގްރާމެއްގެ ވާހަކަ ކިޔައިދެމުން، އާލިއާގެ ހަށިގަނޑުގައި "އަލްފާ" ޖަމާއަތުގެ ނިޝާން ބޮބީ ޓެޓޫކޮށްދެ އެވެ.
ޓީޒާ ނިމިގެންދަނީ އާލިއާ އޭނާގެ ފުރަތަމަ މިޝަން ކާމިޔާބުކަމާއެކު ނިންމާލުމުން ބައްޕަ ފަހުރު ވެރިވެފައި ހުންނަ މަންޒަރަކުންނެވެ. މި ދެމީހުން ފިލްމުގައި ތައާރަފްވަނީ "ބާބާ" އަދި "ސީތާ" ގެ ނަމުންނެވެ.
ޝިވް ރަވައިލް ޑައިރެކްޓްކުރާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އަދިތްޔާ ޗޯޕްރާ އެވެ. ލީޑް ކާސްޓުންގެ ތެރޭގައި އާލިއާ ބަޓް، ބޮބީ ޑިއޯލް، ޝަރްވަރީ އަދި އަނިލް ކަޕޫރު ހިމެނެ އެވެ.
"އަލްފާ"އަކީ ޔަޝްރާޖްގެ ސްޕައި ޔުނިވާސްގެ ބައެކެވެ. މީގެ ކުރިން މި ސިލްސިލާއިން ނެރުނު ފިލްމުތަކުގެ ތެރޭގައި އޭކް ތާ ޓައިގާ (2012)، ޓައިގާ ޒިންދާ ހޭ (2017)، ވޯ (2019)، ޕަތާން (2023)، ޓައިގާ 3 (2023) އަދި ވޯ 2 (2025) ހިމެނެ އެވެ.
މި ފިލްމާ ބެހޭގޮތުން އާލިއާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މިއީ އިންޑިއާގެ ސިނަމާގައި މީގެ ކުރިން މާ ބޮޑު ތަރުހީބެއް ލިބިފައިނުވާ 'ޖޯންރާ'އެއް ކަމަށެވެ.
ގިނަ ފަހަރަށް ފިރިހެނުން މައިގަނޑު ރޯލު ކުޅޭ އެކްޝަން ފިލްމުތަކުގައި އަންހެން އެކްޝަން ކެރެކްޓަރުން އުޅުނު ނަމަވެސް، އަންހެނަކު މުޅި ފިލްމު ލީޑްކުރާ މިފަދަ ބޮޑު އެކްޝަން ފިލްމެއް ހިންގާލުމަކީ އޭނާ ކުރަން ބޭނުންވި ތަފާތު ތަޖުރިބާއެއް ކަމަށް އާލިއާ ބުންޏެވެ.
އަލްފާ" ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ.
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި
ޒުވާން ކޮށްދޭ ބޭސް ފުރަތަމަ ފަހަރަށް އިންސާނެއްގެ ގަޔަށް!
ރައީސް މުއިއްޒާއެކު ގަދަކޮށް ހުންނެވި ކަމަށް ޒަމީރު ވިދާޅުވެއްޖެ