ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކަކީ ގައުމަށް ގެއްލުންދިން ފަނާކުރަނިވި ފިކުރެއްކަމަށް ސިފަކުރައްވައި، މި ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މާ ދުރުނޫން މާޒީއެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ވަނީ ގާނޫނުއަސާސީއާ ހިލާފަށް އަދި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ދޫކޮށްލާފަ އެވެ. ނަމަވެސް، މި ސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން އެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އެމަނިކުފާނު ވިދާޅުވި އެވެ. އެ ގެއްލުވާލި ކަނޑުގެ ސަރަހައްދަކީ ގާނޫނީ ހަމަތަކުގެ މަތީން ރާއްޖޭގެ ބައެއްގެ ގޮތުގައި އަލުން ކަނޑައަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
މީގެ އިތުރުން، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިން އިސްކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ވަކި ގައުމަކުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި، މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ދިވެހިންނަށް އެންމެ ފައިދާހުރި ގޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ކުރީގެ ސަރުކާރުން އިޒުރޭލާއެކު ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރި ނަމަވެސް، މި ސަރުކާރުން އިޒުރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައިވާކަން އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުތަކުގައި ދީނާ ދުރު ސިޔާސަތުތަކެއް ގެންގުޅުނު ކަމަށް ތުހުމަތުކުރައްވަމުން ރައީސް ވިދާޅުވީ، އޭރު ފެނިގެންދިޔައީ އިސްލާމީ އަގީދާއަށް ފުރައްސާރަކުރި މީހުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަދިން މަންޒަރު ކަމަށެވެ. މީގެ އިދިކޮޅަށް، މި ސަރުކާރުގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަސްރުދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އަރަބިއްޔާ ސްކޫލު ނައްތާލަން އުޅުނު ނަމަވެސް، މި ސަރުކާރުން އެ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައި އާ އިމާރާތެއް ބިނާކުރަމުންދާ ކަމަށެވެ. އަދި އަންނަ ދިރާސީ އަހަރު އެ ސްކޫލު ހުޅުވައި ކިޔަވައިދޭން ފަށާނެކަން ފާހަގަކުރައްވައި، މިއީ ބިނާކުރުވަނިވި ފިކުރާއި ފަނާކުރުވަނިވި ފިކުރުގެ ތަފާތުކަން އެމަނިކުފާނު ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާއި ވޭޕް ފަދަ ނުރައްކާތެރި ވަބާތަކުން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ތެރެއިން ގައުމަށް ފައިދާހުރި ޒުވާނުން އުފައްދަމުންދާ ކަމަށާއި، ފުލުހުންނާއި ސިފައިންގެ މުއައްސަސާތައް ތަރައްޤީކޮށް އެއީ ގައުމުގެ ފަޚުރުގެ ގޮތުގައި ބިނާކުރުމުގެ މަސައްކަތް ހިނގަމުންދާކަމަށް ވިދާޅުވި އެވެ.
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ނަގައިފި
އަޅުގަނޑާއެކު ކޮރަޕްޓު މީހުނެއް ނޫޅޭނެ: ޔާމީން
