ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަންގައި އޮތް ޕީޕީއެމްގެ ތަފާތަކީ އަހުލާގު ކަމަށާއި، އެކަން އެންމެ ބޮޑަށް ސާފުވެ ފެންނަނީ މިއަދު ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅިގެން އެމްޑީޕީގެ ބައެއް ވެރިންނާއި އެކްޓިވިސްޓުން ކުރައްވާފައިވާ ޓުވީޓްތަކާއެކު ކުރެއްވި ޓުވީޓެއްގައި ޑރ. ޖަމީލް ވަނީ އެމްޑީޕީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ވިދާޅުވެފަ އެވެ.

އެމްޑީޕީއަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓުވީޓްގައި ވަނީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވައިލި ހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމަށް ލިބިވަޑައިގެންނެވި އަނިޔާއަށް ޖޯކު ޖަހައި އެމްޑީޕީގެ ލީޑާޝިޕުންނާއި އެކްޓިވިސްޓުން ކޮށްފައިވާ ޓުވީޓްތަކުގެ ސްކްރީން ޝޮޓުތަކެވެ.

އެ ސްކްރީންޝޮޓުތައް ޓުވީޓް ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ، އެމްޑީޕީ އާއި ޕީޕީއެމް ތަފާތު ވަނީ އަހުލާގުގެ ގޮތުން ކަމަށެވެ.

މި މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ އިދިކޮޅު ޕީޕީއެމުން ކުށްވެރިކޮށްފައިވާއިރު، އެ ޕާޓީގެ އިސްވެރިން ވަކިވަކިން އެ މަނިކުފާނަށް ވަނީ ތައުޒިޔާ ފޮނުއްވާފައިވެ އެވެ. އަދި މައްސަލަ ވީހާވެސް އަވަހަށް އަދި ރަނގަޅަށް ތަހުގީގުކުރުމަށް ބާރުއަޅުއްވައި އެކަމަށް ގޮވާލެއްވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕުން ދެއްކެވި ނަމޫނާއަށް އިޝަރާތްކުރައްވައި ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، އިދިކޮޅުގައި ތިބޭއިރު ވެސް ޕީޕީއެމްއަކީ ޒިންމާދާރުކަމާއެކު މަސައްކަތްކުރަން ދަންނަ، އަދި ތަހުޒީބުކޮށް އުޅެން އެނގޭ ބައެއް ކަމަށެވެ. އަދި އެމްޑީޕީގެ އިސްވެރިން އަހުލާގާއި ސީރަތަކީ މުހިއްމު ކަންކަން ކަމުގައި ނުދެކޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ، އެމްޑީޕީން ފެންވަރު ދައްކަނީ އެ ބޭފުޅުން ކުރައްވާފައިވާ ޓުވީޓްތައް ފަދަ ގޮތްތަކުން ކަމަށެވެ. އަދި މިހާރު އެއިރު އެ ބޭފުޅުން ކުރެއްވި އެ އަމަލުތަކާމެދު ލަދުވެތި ނުވޭތޯ ވެސް ޑރ. ޖަމީލު ސުވާލު ކުރެއްވި އެވެ.