ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދުނުކޮށްގެން މި އަހަރު އެކަނިވެސް ސަރުކާރުގެ ކުންފުނިތަކުން 12 މުވައްޒަފަކު ކަނޑާލައި، ހަތް މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާކަން އެނގިއްޖެ އެވެ.
މި ފިޔަވަޅުތަކަކީ ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރަށް ލިބުނު ނަތީޖާތަކާ ގުޅިގެން އަޅާފައިވާ ސިޔާސީ ފިޔަވަޅުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން ފެނަކަ، ހިތަދޫ ޕޯޓްސް، އެމްޓީސީސީ، ވެމްކޯ އަދި މިފްކޯ ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ބިރުވެރިކަން ކުރިމަތިވެފައިވާއިރު، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އަށް ތާއީދުކުރެއްވުމުން މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމު ވެސް ވަނީ އުވާލާފަ އެވެ. މިކަމާ ގުޅިގެން އޭނާގެ ދަރިފުޅު އަޒާން ޒުހައިރު ވެސް ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެމްޑީޕީން ބުނާ ގޮތުގައި، ރައީސް މުއިއްޒުގެ މަގަބޫލުކަން ދަށްވެ އިދިކޮޅު ހަރަކާތްތައް ވަރުގަދަވާން ފެށުމުން، ވެރިކަމަށް ވަޑައިގެންނެވިއިރު ވެވަޑައިގެންނެވި ވައުދުތަކާ ހިލާފަށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަކިކުރުމާއި ރަށްރަށަށް ބަދަލުކުރުން ފަދަ ޖެއްސުންތައް ދަނީ ކުރަމުންނެވެ. މެންބަރު ސޯބެ ފާހަގަކުރެއްވި ގޮތުގައި ހަރަދު ކުޑަކުރުމުގެ ނަމުގައި ކެމްޕެއިން ބައިވެރިން ވަކިކުރާއިރު، މަސައްކަތެއް ނުކޮށް ގޭގައި ތިބޭ ސަރުކާރުގެ ސަޕޯޓަރުންނަށް ވަޒީފާ އެބައޮތެވެ.
މިފަދަ ސިޔާސީ ފިއްތުންތަކާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މީގެ ކުރިން ކުންފުނިތައް ހިސޯރުކުރާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އެމްޑީޕީން މިހާރު ވަނީ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ. އަދި ސަރުކާރުގެ މި ހަރުކަށި އަމަލުތަކާ ދެކޮޅަށް ރައްޔިތުންގެ އަޑު އުފުލުމުގެ ގޮތުން މާދަމާ ރޭ 20:30 ގައި "ވަޒީފާ ބުރާސްފަތި" ނަމުގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ރަސްމީކޮށް ނިންމައި އިއުލާންކޮށްފަ އެވެ.
ހާލަންޑްގެ ދެ ލަނޑާއެކު ނޯވޭ މުބާރާތް ފެށީ ފަސޭހަ މޮޅަކުން
ވިޔަފާރިވެރިއެއްގެ އެހީގައި ހުޅުދޫގައި އެޅި މިސްކިތް ހުޅުވައިފި