ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަންދޫބުންގެ ދެވަނަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދާ އައު ބަދަލުތަކާއެކު، ސަރުކާރު ހަމަމަގަށް އެޅުވުމަށާއި ގައުމުގެ މިސްރާބު ރަނގަޅު މިސްރާބަކަށް ގެންދިއުމަށްޓަކައި އިދިކޮޅު ސިޔާސީ ލީޑަރުން ގުޅިގެން ކުރައްވާ މަސައްކަތްތައް މިވަނީ އިތުރަށް ހަލުވިކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ މިހާރު ގައުމުގައި އޮތް ސިޔާސީ ހާލަތާ ދެކޮޅަށް އެއްގަލަކަށް އަރައި، ގުޅިފައިވާ ވަރުގަދަ ސިޔާސީ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ގޮތްތަކަކާ މެދުގަ އެވެ. ނަމަވެސް ބައްދަލުވުމުގެ އިތުރު ތަފްސީލު ފަހުން ދެއްވާނެ ކަމަށް އެ ކޮމިޓީގެ ފަރާތުން ވަނީ ބުނެފަ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކުރަމުން ގެންދާ ކަންކަން ހުއްޓުވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އާއި އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަ

މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ކުރީގެ ތިން ރައީސުން ބައްދަލުކުރައްވައި އެކުގައި މަސައްކަތްކުރައްވަން ނިންމެވި ނިންމެވުމުގެ ދަށުން އުފެއްދެވި ހަ މެންބަރުންގެ ހާއްސަ ކޮމިޓީގައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މަންދޫބުން ތަމްސީލުކުރައްވަ އެވެ. އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގަންނަވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ތިއްބަވަނީ ޕީއެންއެފްގެ އަމީންއާންމު މުހައްމަދު މަލީހް ޖަމާލާއި މާލީ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދެވެ. އަދި ރައީސް ސޯލިހްގެ ފަރާތްޕުޅުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ސަލީމާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

މެއި މަހުގެ 18 ވަނަ ދުވަހު ބޭއްވި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޒް އިސްމާއީލް ވިދާޅުވެފައިމވަނީ، މި ކޮމިޓީގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްދާނެ ކަމަށާއި، ކޮންމެ ދުވަހެއްގެ އަދާހަމަ މައުލޫމާތު ނޫސްވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އަދި ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު ތިން ލީޑަރުން ގުޅިގެން ނެރެވޭނެ ނަތީޖާއާ މެދު ބޮޑު އުންމީދެއް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.