ދިއްލީ (09 މެއި) - އިންޑިއާގައި މިވަގުތު އޮތް ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އެ ގައުމުގެ ސިއްހީ ދާއިރާއަށް އެހީވާން ކުރީގެ އަސްކަރީ ޑޮކްޓަރުން ހޯދަން ފަށައިފި އެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނީ 400 އަށްވުރެ ގިނަ އަސްކަރީ ޑޮކްޓަރުން ހިދުމަތާ ގުޅޭނެ ކަމަށާއި އެ ޑޮކްޓަރުން 11 މަހުގެ ކޮންޓްރެކްޓްއެއްގައި ހިދުމަތް ކުރާނެ ކަމަށެވެ. އޭގެ އިތުރުން އިތުރު ޑޮކްޓަރުން އޮންލައިން ހިދުމަތްތަކަށް ހޯދަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިންޑިއާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތައް 400،000 އަށްވުރެ މަތީގައި އުޅޭއިރު އެބަލީގައި މަރުވާ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު ވެސް ރެކޯޑް އަދަދަކަށް އިތުރުވެފައިވެ އެވެ.

އިންޑިއާގެ ގިނަ ސްޓޭޓްތަކަކުން ފުރަބަންދު އިއުލާން ކޮށްފައިވާއިރު ގައުމީ ފެންވަރެއްގައި ފުރަބަންދު އިއުލާން ކުރުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް އަންނަނީ ފިއްތުންތައް ކުރިމަތި ވަމުންނެވެ. އެގޮތުން ރޭގަނޑުގެ ބައެއްގައި ކާފިއު އިއުލާންކުރުމުގެ ބަދަލުގައި ކުރިން ރޭވިގެން ހަރުދަނާ ފުރަބަންދެއް އިއުލާން ކުރުމަށް އެ ގައުމުގެ އިންޑިއަން މެޑިކަލް އެސޯސިއޭޝަން އިން މޯދީއަށް ވަނީ ގޮވާލާފަ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ބޮއްސުންލާފައި ވާއިރު ގިނަ ގައުމުތަކަކުން ވަނީ އެ ގައުމަށް ސިއްހީ އެހީ ފޯރުކޮށްދީފަ އެވެ. -- ރޮއިޓާސް