ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ، އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއާ ވަކިވި ފަހުން ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިފައި ނުވާކަމަށް ބުނެ، އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ހައިރާން ކުރުވަނިވި ވާހަކަ ތަކެއް ހާމަ ކޮށްފި އެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމު "ކޯޗާ" ޕްރޮމޯޓްކުރުމަށް "ޔާހޫ އެންޓަޓެއިންމަންޓް"އަށް ދިން އިންޓަވިއުއެއްގައި، އުމުރުން 51 އަހަރުގެ އެންޖެލީނާ ބުނީ، ބްރެޑްއާ ވަކިވި ފަހުން ލޯބީގެ ގުޅުންތަކަށް ވުރެ ބޮޑަށް އޭނާ އިސްކަންދިނީ ހަ ކުދިން ބަލައި ބޮޑު ކުރުމަށް ކަމަށެވެ.
"ތެދަށް ބުނާނަމަ، މީގެ ދިހަ އަހަރު ކުރިން އަހަރެން ވަރިވި ފަހުން އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިފައެއް ނޯންނާނެ" އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އެންޖެލީނާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި މައެއްގެ ޒިންމާ އާއި އާއިލާގެ ކަންކަމަށް މުޅި ދިރިއުޅުން ހުސް ކޮށްލުމުން، ލޯބީގެ ގުޅުމެއް ބޭއްވުމުގެ ވިސްނުމެއް އޭނާގެ ސިކުނޑިއަކަށް ނާދެ އެވެ.
އާ ފިލްމުގައި އެންޖެލީނާ ކުޅެނީ އުރަމަތީގެ ކެންސަރު ތަހައްމަލު ކުރަމުންދާ، ވަރިވެފައިވާ އަންހެން ޑައިރެކްޓަރެއްގެ ރޯލެވެ. އެންޖެލީނާ ބުނި ގޮތުގައި އެ ރޯލުގެ ސަބަބުން، ވަރިވުމަށްފަހު އަމިއްލަ ދިރިއުޅުމާއި ގުޅުންތަކާ މެދު އޭނާ ގެންގުޅުނު ބައެއް ވިސްނުންތަކަށް ބަދަލު އައެވެ.
ދިރިއުޅުމުގެ އާ މަރުހަލާއަކަށް ދާން ބޭނުންވާކަން ހާމަ ކުރަމުން އެންޖެލީނާ ބުނީ އޭނާ މިހާރު ވިސްނަނީ އަލުން ދިރިއުޅެން ފަށަން ކަމަށާއި އަލުން މިނިވަންވާން ކަމަށެވެ.
އެންޖެލީނާ އިތުރަށް ބުނި ގޮތުގައި އޭނާގެ އަންހެން ދަރިން ބޮޑެތިވެ، ޒުވާން އަންހެނުންގެ ގޮތުގައި ވާހަ ކަދައްކަން ފެށުމުން، މައެއްގެ ޒިންމާގެ އިތުރުން އޭނާގެ އަމިއްލަ އަންހެން ވަންތަކަމާއި އަމިއްލަ އައިޑެންޓިޓީ ހޯދުމަށް ދަރިން ވެސް ހިތްވަރުދެ އެވެ.
"އެކުދިން ބޭނުންވަނީ އަހަރެން ހަމައެކަނި 'މަންމަ' އެއްގެ ގޮތުގައި ހުންނާކަށް ނޫން. އަހަރެންގެ އަމިއްލަ ދިރިއުޅުމެއް އޮތުމަށް އެކުދިން އެދޭ،" އެންޖެލީނާ ކިޔައިދިނެވެ.
އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެންޏަށް ހަ ކުދިން ލިބިފައިވެއެވެ. އެއީ މެޑޮކްސް (24)، ޕެކްސް (22)، ޒަހާރާ (21)، ޝައިލޯ (20)، އަދި އެއްމާބަނޑު ދެކުދިން ކަމަށްވާ ނޮކްސް އާއި ވިވިއަން (17) އެވެ.
މި ދެ ތަރިން 2016 ވަނަ އަހަރު ވަކިވި ފަހުން، ކުދިންގެ ކަސްޓަޑީ އާއި މުދަލުގެ މައްސަލައިގައި ބޮޑެތި ގާނޫނީ ހަނގުރާމަތަކެއް ކޮށްފައިވެ އެވެ.
އެންޖެލީނާ އެކަނިވެރި މައެއްގެ ގޮތުގައި ހުރި ނަމަވެސް، ބްރެޑް ޕިޓް (62) މިހާރު އަންނަނީ 2022 އިން ފެށިގެން އޭނާގެ ލޯބިވެރިޔާ އިނެސް ޑި ރާމޮން އާއެކު އާ ދިރިއުޅުމެއް ބިނާ ކުރަމުންނެވެ.
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟
ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރަން: އީރާން