ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ރައްޔިތުންގެ ބަހެއް ނެތި ބޮޑުވަޒީރުން އައްޔަންކުރާ ފަދަ ނިޒާމެއް ރާއްޖެއަށް ގެންނަން ދިވެހި ރައްޔިތުން ބޭނުން ނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ދަމަހައްޓަން ރައްޔިތުން ބޭނުންވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދައްކަނީ، އެ ފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރައްވަން ބޭނުންވާ ބޭފުޅުން ގިނަވުމުން، އެންމެންނަށް ބޮޑެތި މަގާމުތައް ބަހާލުމުގެ ބޭނުމުގައި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮންނަންވީ ރިޔާސީ ނިޒާމެއްކަން ރައްޔިތުން ވަނީ ސާފުކޮށް ނިންމާފަ އެވެ. ބަރުލަމާނީ ނިޒާމެއްގެ ދަށުން ކަންކަން ހިނގާނެ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށާއި، ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް އެ ނިޒާމުގެ ސަބަބުން އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ބޮޑުވަޒީރުން ބަދަލުވަމުންދާ މަންޒަރު ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ސީދާ ބައިވެރިވުމެއް ނެތި މިގޮތަށް ވެރިން ބަދަލުވުމަކީ ދިވެހިން އެދޭނެ ގޮތެއް ނޫންކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ މިހާރުގެ ނިޒާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ މުޅިއަކުން ރިޔާސީ ނިޒާމެއް ނޫން ކަމަށާއި، މިއީ ރިޔާސީ ސިފަތަކުގެ އިތުރުން ބަރުލަމާނީ ބައެއް ސިފަތައް ވެސް އެކުލެވޭ "ހައިބްރިޑް ނިޒާމެއް" ކަމަށެވެ. މިއީ ރައްޔިތުން ބޭނުންވެގެން ނިންމާފައިވާ ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖެއަކީ އެއްބަސް، އެއް ދީން އަދި އެއް ނަސްލެއްގެ ބަޔަކު ދިރިއުޅޭ ޔުނިޓަރީ ދައުލަތަކަށް ވާތީ، ގައުމުގެ އެއްބައިވަންތަކަން ގެއްލިދާނެ ފަދަ އެއްވެސް ނިޒާމަކަށް ރައްޔިތުން ތާއީދު ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
ކެނެޑާ ބަލިކޮށް ސްވިޒަލެންޑް އެއްވަނައަށް
އެމްއެމްއޭގެ ފިޔަވަޅަކީ ވަގުތީ ކަމެއް: ޔާމީން