ސަރުކާރުން ކުރިއަށްގެންދާ މޯލްޑިވްސް 2.0 މަޝްރޫއުގެ ތެރެއިން ރާއްޖޭގައި އީ-ވޯޓިން ނިޒާމެއް ގާއިމުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޯޓުލުމުގެ ނިޒާމު ޑިޖިޓަލް ކުރުމުގެ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި މި މަޝްރޫއަކީ ހިދުމަތްތައް ފަސޭހަ ކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ މަނިކުފާނު ތަކުރާރުކުރެއްވި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލް ހިދުމަތްތަކާ ގުޅޭ ދެ ބިލަކާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އެއީ ވޯޓުލުމުގެ ނިޒާމު ޑިޖިޓަލްކޮށް، އޭގެ ތެރެއިން އޮޅުވާލުންތައް ގެންނަން ކުރާ ކަމެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ. މި ތުހުމަތުތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް ފަތުރަނީ ރައްޔިތުންނަށް ހުށަހަޅާނެ ސިޔާސަތެއް ނެތުމުން ކަމަށެވެ. އެއީ ހަމައެކަނި ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މޯލްޑިވްސް 2.0 މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލުމާއި ހިދުމަތްތައް ފަސޭހަކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. ހިދުމަތްތައް އޮޓޮމޭޓްކޮށް، އިންސާނީ ނުފޫޒު ކުޑަކުރުމުން ކޮރަޕްޝަނަށް ފުރުސަތު ހަނިވެގެންދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ޕްރޮކިއުމަންޓް ނިޒާމުތައް ޑިޖިޓަލްކުރުމުން މިފަދަ މައްސަލަތައް އެއްކޮށް ހައްލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޑިޖިޓަލް އިގުތިސޯދެއް ބިނާކޮށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް މި މަޝްރޫއުގެ ބޮޑު ބޭނުމެއް ކަމަށާއި، މިހާރު ވެސް ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވުނީ އެ މަސައްކަތުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްއެމްއޭގެ ފިޔަވަޅަކީ ވަގުތީ ކަމެއް: ޔާމީން
