ތެހެރާން (މެއި 10)- ސައޫދީއަރަބިއާ އާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އީރާނުން ބުނެފި އެވެ.

ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކާ ބެހޭގޮތުން މީޑިއާގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސައީދު ޚާތިބުޒާދު ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ފުހެވުމަކީ ދެ ގައުމަށާއި މުޅި އަރަބި ގަލްފް ސަރަހައްދަށް ފައިދާކުރާނެ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަޝްވަރާތަކުގެ ނަތީޖާއަށް ބަލަމުންދާ ކަމަށާއި މަޝްވަރާތައް ކާމިޔާބުކުރަން އެ ގައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ސައޫދީ އަރަބިއާ އާއި އީރާނާ ދެމެދު މަޝްވަރާތައް ފަށާފައިވާ ކަމަށާއި އަދި އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް ސައޫދީ އަރަބިއާގެ ޚާރިޖީ ވުޒާރާގެ ހެޑް އޮފް ޕޮލިސީ ޕްލޭނިން ރައީދު ކްރިމްލީ ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފަ އެވެ.

ސައޫދީ އަރަބިއާއާއެކު ސުލްހައިގެ ވާހަކަތައް ފަށާފައިވާއިރު އީރާނުން ދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމްގެ މަޝްވަރާތައް ވެސް އެމެރިކާ އާއެކު ކުރިއަށް ގެންދަން ނިންމާފަ އެވެ.