ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ބޮނޑިން ފީ ނެގުން ހުއްޓައިލުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ކުނި މެނޭޖުކުރުމުގެ ގާނޫނަށް މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. މި ބިލުގައި ހިމެނޭ އެންމެ މުހިންމު އެއް ބަދަލަކީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން 2 ރުފިޔާ ނެގުން ހުއްޓައިލުމެވެ. މި ބަދަލާއެކު، ހޯލްސޭލްކޮށް ކޮތަޅު ވިއްކާއިރު ފީއެއް ނަގާކަށް ނުޖެހޭނެ އެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ހޯލްސޭލްކޮށް ގަންނަ ފަރާތުންނާއި ފިހާރަތަކުން ވަކިވަކިން ގަންނަ ފަރާތުންވެސް ދައުލަތަށް ކޮތަޅަކަށް 2 ރުފިޔާ ދައްކަންޖެހެ އެވެ. ބަންޑާރަނައިބު އަހުމަދު އުޝާމް "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިގޮތުގައި، ގާނޫނު ފުރަތަމަ އެކުލަވައިލިއިރު އިސްތިސްނާ ހާލަތްތަކެއް ހިމަނާފައި ނުވުމުން ކޮތަޅުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އިސްލާހު ފާސްވުމުން، ހޯލްސޭލަރުން ރީޓެއިލަރުންގެ އަތުން ނަގަމުންދިޔަ ފީ ނެގުން ނިމުމަކަށް އަންނާނެ އެވެ.
މީގެ ކުރިން ޕްލާސްޓިކް ކޮތަޅުގެ ފީއިން އިސްތިސްނާވެފައިވަނީ ޑިއުޓީ ފްރީ ފިހާރަތަކުން ދޫކުރާ ކޮތަޅާއި، ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅުގެ އިތުރުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ބިންލައިނާ އެވެ.
ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރުމި ބަދަލުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ބިލުގެ ކޮސްޓު އެސްޓިމޭޓުގައި ވަނީ ފާހަގަކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައުލަތަށް 2،011،421 ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ވަނީ 5.9 މިލިއަން ރުފިޔާ ލިބިފަ އެވެ.
ކުނި އެތެރެކުރުން މަނާކުރުންމީގެ އިތުރުން، މި ބިލުގައި ވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފަ އެވެ. މި އިސްލާހުގައި ބަޔާންކޮށްފައިވަނީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުނި ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއް ކަމުގައެވެ. މިހާރު ގާނޫނު އޮންނަ ގޮތުން، މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖެއަށް ކުނި އެތެރެކުރެވޭނެ އެވެ.
ފުންފަޅުގޭގައި ރޯވުން: 28 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދިން
މުޖުތަބާ ފިޔަވާ ހުރިހާ ދަރިކަލުން ހާމަނާއީގެ ޖަނާޒާގައި
މީހެއްގެ ގަޔަށް ހޫނުފެން އެޅި ފުލުހަކު ވަކިކުރީ ރަނގަޅަށް: ކޯޓު
