އަޅުގަނޑުމެންގެ އަތުގައި އަބަދުވެސް އޮންނަ ސްމާޓް ފޯނަކީ ސާފު އެއްޗެއްގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، މިއީ ގިނަ އަދަދަކަށް ޖަރާސީމު އަށަގަނެފައިވާ އެއްޗެއް ކަމަށް ދުބާއީގައި މަސައްކަތްކުރާ މައިކްރޯބަޔޮލޮޖިސްޓެއް ކަމަށްވާ ނީތޫ ސުރޭޝް ކުމާރު އިންޒާރު ދީފި އެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި އޭނާ ވަނީ ފޯނުގައި ފާހާނާ ތަށްޓަށްވުރެ ވެސް ގިނައިން ޖަރާސީމު ހުންނަ ކަމަށް ބުނެފަ އެވެ.

ނީތޫ ފާހަގަކުރި ގޮތުގައި، މި މައްސަލަ ދިމާވާ މައިގަނޑުސަބަބަކީ ކޮންމެ ތަނަކަށް ދިޔަޔަސް ފޯނު އަބަދު އަތުގައި ނުވަތަ ކައިރީގައި ބާއްވާ އާދަ އެވެ. މީގެ ސަބަބުން ފޯނު ވެގެންދަނީ ޖަރާސީމުތައް އަތުލައިގަންނަ ދަމާބާރެއް ފަދަ އެއްޗަކަށެވެ.

ފޯނުގައި ޖަރާސީމު އަށަގަންނަ އާންމު ތަންތަން

  • އޮފީހުގައި: އެންމެން ބޭނުންކުރާ އޮފީސް މޭޒުމަތީގައި ބޭއްވުން.
  • ގޭތެރޭގައި: ކައްކަން ހުންނައިރު ބަދިގޭގެ ކައުންޓަރު މަތީގައި ބޭއްވުން.
  • ޖިމްގައި: ކަސްރަތުކުރާ ވަސީލަތްތަކުގެ މަތީގައި ބެހެއްޓުން.
  • ދަތުރު މަތީގައި: ދަބަސް، އަތްދަބަސް ނުވަތަ ޖީބަށް ލައިގެން އުޅުން.
  • ފާހާނާގައި: ފާހާނާއަށް ވަންނައިރުވެސް ފޯނު ގެންގުޅުން.

އޭނާ ބުނި ގޮތުގައި އެންމެ ނުރައްކާތެރި ކަމަކީ ފޯނު ބާއްވާ ތަނެއް ނޫނެވެ. ނަމަވެސް، އެކި ތަންތަނުގައި ފޯނު ބެހެއްޓުމަށްފަހު، ކާން އިންނައިރު ނުވަތަ ކައްކާއިރު ފޯނުގައި އަތްލުމާއި، ފޯނު ކުރާއިރު މޫނުގައި ފޯނު ޖައްސާ މިންވަރެވެ. މީގެ ސަބަބުން އެއް ތަނުން އަނެއް ތަނަށް ޖަރާސީމު ފެތުރުމުގެ ނުރައްކާތެރި ބުރު އުފެދިގެންދެ އެވެ.

ފޯނު ރައްކާތެރި ކަމާއެކު ސާފުކުރާނެ ގޮތް

މިކަމާ މެދު ބިރު ގަތުމުގެ ބަދަލުގައި، ދުވަހުގެ އާދަކާދައިގެ ތެރެއަށް ފޯނު ސާފުކުރުން އިތުރުކުރުމަށް ނީތޫ ވަނީ އިރުޝާދު ދީފައެވެ. އޭނާ ހިއްސާކުރި ދެ ގޮތަކީ:

  • ޑިސްއިންފެކްޓަންޓް ވިޕްސް: ފޯނު ސާފު ކުރުމަށް ހާއްސަ، ގެއްލުން ނުލިބޭ ކަހަލަ ޑިސްއިންފެކްޓަންޓް ވައިޕްއަކުން ގަވާއިދުން ފޯނު ފޮހެ ސާފުކުރުން.
  • ސެނިޓައިޒަރާއި މަޑު ފޮތިކޮޅެއް: މަޑު ފޮތިކޮޅަކަށް ކުޑަ ސެނިޓައިޒާ ކޮޅެއް އެޅުމަށްފަހު ފޯނުގެ ބޭރު ފުށް މަޑުމަޑުން ފޮހެލުން.

ކޮންމެ ދުވަހަކުވެސް މި ފިޔަވަޅުތައް އަޅައިފިނަމަ، އަތަށާއި، މޫނަށް އަދި ކާނާއަށް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑު ތަނުން ކުޑަ ކުރެވޭނެ އެވެ.