އިންޑިއާގެ ޓީވީ ޑްރާމާތަކުން ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ބަތަލާ ޖެނިފާ ވިންގެޓް އޭނާގެ ލޯބިވެރިޔާ ވިލިއަމް އިޝްމައެލްއާ ކައިވެނި ކޮށްފި އެވެ.

މި ކައިވެނި ބާއްވާފައިވަނީ އިނގިރޭސި ވިލާތުގަ އެވެ. ވަރަށް ސިއްރުން ހަމައެކަނި އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނާއެކު ބޭއްވި މި ކައިވެނީގެ އުފާވެރި ހަބަރު ޖެނިފާ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާ ކޮށްފަ އެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ފައްޅިއެއްގެ ތެރޭގައި ދެމީހުން ކައިވެނީގެ އަހުދު ކަށަވަރުކުރާ މަންޒަރުތަކާއި ވެޑިންގް ފޮޓޯޝޫޓްގެ ރީތި މަންޒަރުތައް ފެނިގެންދެ އެވެ.

"ރަސްމީކޮށް މަގޭ ފިރިމީހާ ވިލް ތައާރަފްކޮށްދެން! އެންމެ ފަހުން އަހަރެމެންގެ ތަރިތައް ބައްދަލު ވެއްޖެ" ކވީޑިއޯ ނިންމާލަމުން ޖެނިފާ ލިޔެފައިވެ އެވެ.

މި ހަބަރާއެކު ބޮލީވުޑްގެ ތަރިން ކަމަށްވާ ސޯނޫ ސޫދު، ޖެނީލިއާ ޑިސޫޒާ، މައުނީ ރޯއި އަދި ރަޝްމީ ދޭސާއީ ފަދަ ސެލެބްރިޓީން ދަނީ ޖެނިފާ އަށާއި އޭނާގެ ފިރިމީހާއަށް މަރުހަބާ ކިޔަމުންނެވެ.

ޖެނިފާގެ ފިރިމީހާ ވިލިއަމް އަކީ ސިންގަޕޫރުގައި މަސައްކަތްކުރާ ފައިނޭންސް ދާއިރާގެ ޕްރޮފެޝަނަލެކެވެ. އޭނާ އަކީ އެމްއެޗްސީ ޑިޖިޓަލް ގްރޫޕްގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިންގް އެވެ.

މިއީ ޖެނިފާގެ ދެވަނަ ކައިވެންޏެވެ. މީގެ ކުރިން އޭނާ ކައިވެނިކުރީ މަޝްހޫރު އެކްޓަރު ކަރަން ސިންގް ގްރޯވާއާ އެވެ. ނަމަވެސް 2014 ވަނަ އަހަރު އެ ދެމީހުން ވަކިވެ، 2016 ގައި ވަނީ ރަސްމީކޮށް ވަރިވެފަ އެވެ.