ކޮވިޑް ހާލަތު މިދުވަސްވަރު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި މާލޭ ސަރަހައްދުގެ ސުކޫލުތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނާތީ އިތުރު އެއް ހަފްތާއަށް ސުކޫލުތައް ހުޅުވައިގެން ކިޔަވައިދިނުން ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސުކޫލުތަކުގައި ކިޔަވައި ނުދިން ނަމަވެސް މި މުއްދަތުގެ ތެރޭގައި ވެސް އިމްތިހާންތައް ކުރިޔަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން މާލޭ ސަރަހައްދުގައި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެފައި ވާއިރު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް މާލޭ ސަރަހައްދުގައި ކާފިއު ވަނީ އިއުލާނުކޮށްފަ އެވެ. ކެފޭ ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތް ދިނުމުގެ ބަދަލުގައި ޓެލެވެރީ ހިދުމަތާއި ޓޭކަވޭ ހިދުމަތް ދިނުމަށް ވަނީ އަންގަވާފަ އެވެ.

ކޮވިޑް އިތުރަށް ގޯސްވެއްޖެނަމަ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހިދާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.