ޣައްޒާ (15 މެއި) އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ރޮކެޓް ހަމަލާތަކުން ހަމަލާއެއް އެ އަވަށުގައި ހަރަކާތްތެރިވާ ބައެއް މީޑިއާތަކުގެ އޮފީސް ހިންގަމުން އަންނަ އިމާރާތެއް ބިމާ ހަމަކޮށްފި އެވެ.

މި އިމާރާތުގައި ހިންގާ މީޑިއާ އޮފީސް ތަކުގެ ތެރޭގައި ގަތަރުގެ އަލްޖަޒީރާ އާއި އެމެރިކާގެ ދަ އެސޯސިއޭޓަޑް ޕްރެސް އެޖެންސީ ހިމެނެ އެވެ. އޭގެ އިތުރުން މި އިމާރާތަކީ އާއްމުން ދިރިއުޅޭ ގިނަ ފްލެޓްތަކެއް ވެސް ހުންނަ އިމާރާތެއް ކަމަށްވެ އެވެ.

ހަމަލާ ދިން ވަގުތު ނަގާފައިވާ ވީޑިއޯ އެއްގައި ފެންނަ ގޮތުން އިމާރާތަށް ހަމަލާ އަމާޒުވުމާއެކު އަލް ޖަލާ ބިލްޑިންގް ނަމަކަށް ކިޔާ 11 ފަންގިފިލާގެ އެ އިމާރާތް ހިނދުކޮޅެއްގެ ތެރޭގައި ބިމާ ހަމަވެ ހިރަފުހާ އެކު ކޮންކްރީޓްގެ ބައިތައް ވައިގެ ތެރެއަށް ބުރައިގެންދެ އެވެ.

ޣައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ސަފްވަތު އަލް ކަހްލޫތު ބުނީ އޭނާ އެ އިމާރާތުގައި މަސައްކަތް ކުރަމުން އަންނަތާ 11 އަހަރު ވެއްޖެ ކަމަށާއި އިމާރާތް ބިމާ ހަމަވީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކަމަށެވެ.

"ލިބުނު ހިތާމައާ އެކުވެސް އަހަރުމެން ބެލީ ފަސްޖެހުމެއް ނެތި ހަބަރުތައް ގެނެސްދެވޭތޯ،" ސަފްވަތު ބުންޏެވެ.

އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދޭތާ ހަ ދުވަސް ވެފައިވާ އިރު މިއަދު އެއިން ހަމަލާއެއް ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް އަމާޑުވެ 10 މީހަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ކުޑަ ކުދިންނާއި ދެ އަންހެނުންނެވެ.

މި ހަމަލާތަކާއި ހުޅަނގު އައްސޭރިއަށް ވެރިވެގަނެފައިވާ ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލަން ފަލަސްތީނުގެ އާއްމުން ވަނީ ހޮނިހިރު ދުވަހު ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކޮށްފަ އެވެ.

ހޯމަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ 140 މީހުން ޝަހީދުވެފައި ވާއިރު އިތުރު 950 މީހަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފަ އެވެ.

ހުޅަނގު އައްސޭރީގައި ހިނގަމުންދާ ކުރިމަތިލުންތަކުގައިވެސް ފަލަސްތީން އާއްމުންގެ 13 މީހަކު ޝަހީދު ވެފައިވާ އިރު އިޒްރޭލުގެ ނުވަ މީހަކު ވެސް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. -- އަލް ޖަޒީރާ