މިދިޔަ އަހަރަށް ވުރެ ފަގީރުން މަދުވެ، ވެރިރަށް މާލެއިން މިފަހަރު ފިތުރު ޒަކާތުގައި ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މާލެ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ދަފްރަތުގައި ހިމެނިފައި ވަނީ 1،498 މީހުން ކަމަށެވެ. ފަގީރުންގެ ދަފްތަރަށް ބަހާފައި ވަނީ 6،274،800 ރުފިޔާ އެވެ. އެހެންކަމުން ކޮންމެ މީހެއްގެ ބޮލަށް މި އަހަރު ޖެހިފައި ވަނީ 4،200 ރުފިޔާ އެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި މާލެ ސަރަހައްދުން ޒަކާތް ދައްކާފައި ވަނީ 164،392 މީހުންނެވެ. އަދި ޒަކާތުގެ ގޮތުގައި ޖުމްލަ 6،746،896 ރުފިޔާ ދައްކާފައިވެ އެވެ. އަދި އެ މުއްދަތުގައި އެކައުންޓްގެ ތަފްސީލް ދިނީ 1،472 މީހުން ކަމަށާއި، އެ މީހުންގެ އެކައުންޓަށް ފިތުރު ޒަކާތުގެ ފައިސާ މިހާރު ޖަމާކޮށްދީފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އެކައުންޓުގެ ތަފްސީލް ނުލިބުނު މީހުންގެ ތެރެއިން 22 މީހަކަށް މިނިސްޓްރީން ވަނީ ފައިސާ ދޫކޮށްފަ އެވެ. އަދި ޒަކާތުގެ ފައިސާ ހަވާލު ނުކުރެވޭ ހަތަރު މީހަކު އެބަ ތިއްބި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، 472،096 ރުފިޔާ ހަވާލުކޮށްފައި ވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ފާއިތުވި ހަތަރު އަހަރު މާލޭ ސިޓީގައި ފިތުރު ޒަކާތް ދެއްކިގޮތުގެ ތަފާސްހިސާބު އާންމުކޮށްފަ އެވެ. އެގޮތުން ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ މި އަހަރު އެވެ. މިދިޔަ އަހަރާ އަޅާ ބަލާ އިރު، މި އަހަރު ޒަކާތުގެ ގޮތުގައި އިތުރަށް ލިބިފައި ވަނީ 97،199 ރުފިޔާ އެވެ. ނަމަވެސް މި އަހަރު ދަފްތަރުގައި ޖެހުނު ފަގީރުންގެ އަދަދު ވަނީ މަދުވެފަ އެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 1،715 މީހުން ތިބި ނަމަވެސް، މި އަހަރު ތިބީ 1،498 މީހުންނެވެ.
ފިތުރު ފައިސާ އަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަން ޖެހޭ ފައިސާ އެކެވެ. އެގޮތުން އެ ރަށަކުން ލިބުނު ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަގީރުންނާއި މިސްކީނުންނަށް ބަހާއިރު މާލެ އަދި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ބޮލަކަށް ޖެހޭ އަދަދު ތަފާތުވާނެ އެވެ.
އެ މިނިސްޓްރީން ބުނީ މާލެ ސިޓީ އަދި ރަށްރަށުގައި ނަގާފައިވާ ފިތުރު ފައިސާ އީދު ނަމާދުގެ ކުރިން އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް ބަހާފައިވާ ކަމަށެވެ. ނަމަވެސް ރަށްރަށުގައި ބެހިގޮތުގެ ތަފްސީލު ލިބޭނީ މިނިސްޓްރީ އަށް ހުރިހާ ކައުންސިލަކުން ތަފްސީލް ފޮނުވުމުން ކަމަށެވެ.